ހުޅުމާލެ މަޝްރޫޢުގެ ކާމިޔާބީތަކާއި މިހާރު ތަރައްޤީކުރަމުންދާ ރަސްމާލެ މަޝްރޫޢުގެ ކޮންސެޕްޓްތައް ދިވެހިރާއްޖޭގެ ދެވަނަ ސައިޑް އިވެންޓް ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހިއްސާކުރައްވައިފިއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން، ”ދަ ޕިވޮޓަލް ރޯލް އޮފް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްސް ފޮރ ކްލައިމެޓް ރެޒިލިއެންސް އިން ސިޑްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް“ ގެ ނަމުގައި 28 މެއި ގައި ދިވެހިރާއްޖޭގެ ދެވަނަ ސައިޑް އިވެންޓް ވަނީ ބާއްވާފައެވެ.
ދިވެހިރާއްޖޭގެ ދެވަނަ ސައިޑް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި، އިވެންޓު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންވެރި ތަރައްޤީއަކަށް ވާސިލްވުމަށް، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މި އިވެންޓުގައި އަލިއަޅުވާލެވުނެވެ.
މި އިވެންޓުގެ ހައި-ލެވެލް ޕެނަލް މޮޑަރޭޓްކުރެއްވީ ދިވެހިރާއްޖޭގެ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖެ އަލްފާޟިލް އަލީ ޝަރީފްއެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅުދެއްކެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހީމް އާއި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި، ޔުނައިޓެޑް ނޭޝަންސް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ-ޖެނެރަލް ރެބެކާ ގްރީންސްޕޭން މަޔޫފިސް އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ގެ ހެޑް އޮފް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، ރިކަވަރީ އެންޑް ރެޒިލިއަންސް ބިލްޑިންގ ޓީމް، ރޮނަލްޑް ޖެކްސަނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި އުމްރާނީ ތަރައްޤީ އިތުރުކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި މިކަން ހާސިލުކުރުމަށް ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މި ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކުު ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް އިތުރަށް ބަދަހިކުރުމަށް ބާރުއެޅުއްވިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މެއި 27ން ފެށިގެން ކުރިޔަށްދާ ހަތަރުވަނަ ސިޑްސް މަހާސިންތާގެ ޝިޢާރަކީ ”ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރުގެ ދަށުން މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޤައުމުތަކަށް ދެމެހެއްޓެނިވިކަމާއި، ވިލުންތެރިކަން ހާސިލްކުރުމުގެ މަގު ފަހި ކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މަހާސިންތާގެ ބައިވެރިން ވަނީ ހާމަކުރައްވާފައެވެ.

