ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ހޯދުމުގެ މަޝްވަރާތައް ހުރީ ވަރަށް އެޑްވާންސް ސްޓޭޖެއްގައި: މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ހޯދުމުގެ މަޝްވަރާތައް ހުރީ ވަރަށް އެޑްވާންސް ސްޓޭޖެއްގައިކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރަސްމާލެ މަޝްރޫއުއާއި ގުޅިގެން ވާހަކަދައްކަވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުން ރަސްމާލެ މަޝްރޫއުުއަށް ބޭނުންވާ ބަޖެޓު، މިއަހަރުގެ ބަޖެޓުން އުނިކޮށްފައިވާކަން ފާހަގަކޮށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރަށް މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްބާރުލުން ލިބޭނެ އަދަދަށް މިހާރު ސަރުކާރު މެންބަރުން މަޖިލީހުގައި އެބަތިބިކަން ފާހަގަކޮށް، ނޫސްވެރިޔާ ސުވާލުކުރީ މި މަޝްރޫއުއަށް އޮތް ބަޖެޓުގެ ދަތިކަން ހައްލު ކުރުމަށް ދެން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯއެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު އޮތީ ސީދާ މިނިސްޓްރީ ނުވަތަ ދައުލަތުގެ މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫންކަމަށެވެ. އެއީ މިކަމަށް ބޭނުންވާ ބަޖެޓު މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތުމުންކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓެއް ހޯދިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމައި މިނިސްޓްރީން ނަގާފައި މިނިސްޓްރީއަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފްސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ.

މުއްތަލިބު ވިދާޅުވިއެވެ.

ރަސްމާލެއަށް ބޭނުންވާ ހުރިހާ ބިމެއް އަހަރު ނިމުމުގެ ކުރިން ހިއްކުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ރަސްމާލޭގައި އަޅާ 15،000 ހައުސިން ޔުނިޓުގެ ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން އެންމެ ފުރަތަމަ ހިއްކާ ސަރަހައްދުން ކަނޑައަޅާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ ފެކްޓްރީގެ މަސައްކަތް ވީހާވެސް އަވަަހަކަށް ފަށާނެކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް އޮތީ ކޮންޓްރެކްޓާސްއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ނަމަވެސް، އެކަން އެގޮތަށް ކުރިއަށް ނުދާތީ އިތުރު ގޮތްތައް ހޯދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މަޝްވަރާތައް ހުރީ ވަރަށް އެޑްވާންސް ސްޓޭޖެއްގައިކަމަށެވެ.

މިހާރު ގޮތްތަކެއް ހޯދުމުގެ މަޝްވަރާތަކެއް ވަރަށް އެޑްވާންސް ސްޓޭޖެއްގައި ހުރީ، އިރާދަކުރެއްވިޔާ މާ ލަސްތަކެއް ނުވެ، އަޅުގަނޑުމެންނަށް އާންމުންނަށް އެ މައުލޫމާތު ހިއްސާ ކުރެވޭނެ. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމެން ވާއިރަށް، ރަސްމާލެއަށް ބޭނުންވާ ހުރިހާ ބިމެއް ހިއްސާ ނިންމުން.

މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް ”ރަސްމާލެ“ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ރައީސް ވިދާޅުވީ ޤައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ކަމަށެވެ.

އެގޮތުން މުޅިރާއްޖޭގައި ޕްލޭންކޮށްގެން ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، ”ރަސްމާލެ“ މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުޞަތު ލިބޭނެގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއާއި މާލެއާއި ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެގޮތަށް ފުށިދިއްގަރާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެއާއިއެކު ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ ދިވެހި ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: