އުރީދޫގެ ފަންރަން އާއި ދިމާކޮށް ޕީއެސްޖީގެ ލެޖެންޑު ނައިޖީރިއާއަށް އުފަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖޭޖޭ އޮކޯޗާ ރާއްޖެއަށް އަންނާނަކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.
އުރީދޫގެ ގްލޯބަލް ޕްރިމިއަމް ޕާރޓްނާރ ޕީއެސްޖީއާއިއެކު ރޭވިފައިވާ ހާއްސަަ ހަރަކާތްތަކެއް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ ރަށެއްގައިވެސް މިސްކިތެއް ހުންނަކަން ކަމަށެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގައިވެސް ފުޓުބޯޅަ ކުޅުމަށް ޖާގައެއް ކަނޑައެޅިފައިވާނެކަމަށާއި އެހެންކަމުން ދިވެހިންގެ ތެރޭގައި ފުޓުބޯޅަށް އޮންނަ މަގުބޫލުކަން ފެނިގެންދާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މުޖުތަމައަށް ކުންފުނީގެ ފަރާތުން އެހީ ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ އެކަންކަން ފަހިކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ފުޓުބޯޅައާއި ގުޅުންހުރި ރައްޔިތުން އެ ކުޅިވަރަށް އިތުރަށް ޝައުގުވެރިކުރުވާނެ ފަދަ ކަންތައް ތަކެއް ކުރަމުން އައިސްފައިވާނެކަމަށާއި ރާއްޖޭގެ އެ މަސައްކަތްތައް ކުރިއެރުވުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކްލަބު ކުންފުނިތައް ފަދަ ތަންތަނާއިއެކުވެސް މަސައްކަތްތައް ކުރަމުންދާކަން ހިއްސާކުރެއްވިއެވެ.
އެގޮތުން މިހާރު އުރީދޫއިންވަނީ މަޝްހޫރު ކުޅުންތެރިޔާ ޖޭޖޭ އޮކޯޗާ ރާއްޖެއަށް ގެނައުމަށް އިންތިޒާމުތައް ހަމަޖައްސާފައިކަމަށާއި އެ ކުންފުންނާއިއެކު ބައެއް ހަރާކާތްތައް ރޭވިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ގުޅޭ ބައެއް ހަރާކާތްތައްވެސް ހިމެނޭކަން ހާމަކުރެއްވިއެވެ.
އުރީދޫގެ ހެޑް އޮފް ބްރޭންޑްސް ނޫރާ ޒާހިރުވަނީ އޮކޯޗާގެ ދަތުރާއި ގުޅޭ އިތުރު ތަފްސީލުތައް ދެއްވާފައެވެ. އެގޮތުން އޭނާއަކީ ކުޅަދާނަ ކުޅުންތެރިއެއްކަމަށާއި ޕްރިމިއަމް ޕާޓުނާ ޕީއެސްޖީއާއިއެކު އޭނާ ރާއްޖެއަަށް ގެނެވުމަކީ އުރީދޫ އަށް ލިބިގެންދާ ބޮޑު އުފަލެއް ކަމަށް ފާހަގަކުރެއްވިއެވެ. ނޫރާ ވިދާޅުވީ، އޮކޯޗާ އުރީދޫއިން ބޭއްވުމަށް ހަމަޖެހިފައިވާ ފަންރަންގައި ބައިވެރިވާނެކަމަށާއި ލ އަތޮޅަށްވެސް އެ ހަރާކުގެ ތެރެއިން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، އިތުރު ގިނަ ހަރަކާތްތަކެއްވެސް ހިންގާނެކަމަށާއި އޭގެ ތެރޭގައި ޕީއެސްޖީގެ ކޯޗިންގް ކޭމްޕެއް ކުރިއަށް ގެންދިއުން ހިމެނޭކަމަށާއި މިފަހަރުގެ ކޭމްޕުގައި އޮކޯޗާވެސް ބައިވެރިވާނެކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފުޓްސަލް ކުޅުން މަގުބޫލުކަމަށްވުމުން އޭނާ މިފަހަރު ފުޓްސެލް ކުޅުމުގައިވެސް ބައިވެރިވާނެކަމަށާއި އެ ފުރުސަތު ލިބޭނީ ކަސްޓަމަރުންގެ ތެރެއިން 5 މީހަކަށް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ލާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަންރަންގައި ބައިވެރިވުމަށް އޮކޯޗާއާއިއެކު ދަތުރުކުރުމަށްވެސް ކަސްޓަމަރުންގެ ތެރެއިން ހިދުމަތް އަޕްގްރޭޑް ކުރައްވާ ނަސީބުވެރި ފަރާތަކަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

