ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) މަހާސިންތާގެ ނިމުމުގެ ރަސްމިއްޔާތުގައި ”އެންޓިގާ އެންޑް ބާބިޔުޑާ އެޖެންޑަ ފޮރ ސިޑޑްސް“ ފާސްކޮށްފިއެވެ.
”އެންޓިގާ އެންޑް ބާބިޔުޑާ އެޖެންޑަ ފޮރ ސިޑޑްސް“ މި އެޖްންޑާ އަކީ ކުރިއަށް އޮތް ދިހަ އަހަރުގެ މުއްދަތުގައި ކުދި ޖަޒީރާ ޤައުމުތަކުގެެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ. މި މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި މި މަހާސިންތާ އިންތިޒާމުކޮށްގެން ބޭއްވި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑު ވަޒީރު ގެސްޓޮން ބްރައުން އަދި އ.ދ. ގެ ޑެޕިއުޓީ ސެކްރެޓަރީ-ޖެނެރަލް އާމިނާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓަރ ތޯރިގް އިބްރާހީމް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައިވަނީ ސިޑްސް4 ބައްދަލުވުމުގައ ރައީސް މުއިއްޒު ކޯ-ޗެއަރ ކުރެއްވި އިންޓަރެކްޓިވް ޑައިލޮގް ”ރީވައިޓަލަޒިންގ ސިޑްސް އިކޮނޮމީސް ފޮރ އެކްސެލަރޭޓެޑް އެންޑް ސަސްޓެއިނަބްލ ގްރޯތް“ ގެ ޚުލާސާ ރައީސްގެ ފަރާތުން ހުށަހެޅުއްވުމަށެވެ. އަދި މިނިސްޓަރގެ ވާހަކަފުޅުގައި މި މަހާސިންތާ އިންތިޒާމުކޮށް ބޭއްވުމަށް އ.ދ. އާ ގުޅިގެން ކުރެއްވި ބުރަ މަސައްކަތަށް އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރަށް ޝުކުރު ދަންނަވާފައިވެއެވެ.
މި މަހާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ބޭއްވުނު ފުރަތަމަ ސައިޑް އިވެންޓު އިންތިޒާމުކޮށްގެން ބޭއްވީ މިނިސްޓްރީ އޮފް ކްަލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ފަރާތުންނެވެ. މިގޮތުން ބޭއްވުނު ފުރަތަމަ ސައިޑް އިވެންޓް ކަމަށްވާ ”ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާނސިންގ ސިޑްސް4 ގޯލްސް ތުރޫ ދަ ސީ.އެސް.އާރ.އައި. އިނީޝިއެޓިވް“ ބޭއްވިފައިވަނީ 27 މެއި 2024 ވަނަ ދުވަހުއެވެ.
މި އިވެންޓަކީ ކުދި ޖަޒީރާ ޤައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖެއިން 2019 ވަނަ އަހަރު ލޯންޗް ކޮށްފައިވާ ކްލައިމެޓް ސްމަރޓް ރެޒިލިއެންޓް އައިލެންޑްސް – ސީ.އެސް.އާރް.އައި. އިނިޝިއޭޓިވްގެ މުހިއްމުކަން ހާމަކޮށްދޭ އިވެންޓެކެވެެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް ބާރު އަޅުމަށް މިނިސްޓަރ ޠާރިޤު ވަނީ މި އިވެންޓުގައި ގޮވާލައްވާފައެވެ.
މިިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ ސައިޑް އިވެންޓު ކަމަށްވާ ”ދަ ޕިވޮޓަލް ރޯލް އޮފް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްސް ފޮރ ކްލައިމެޓް ރެޒިލިއެންސް އިން ސިޑްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް“ ބޭއްވިފައިވަނީ 28 މެއި 2024 ވަނަ ދުވަހުއެވެ. މި ސައިޑް އިވެންޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންވެރި ތަރައްޤީއަކަށް ވާސިލްވުމަށް، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެވުނެވެ. އަދި ވަކިން ހާއްސަކޮށް، ހުޅުމާލެ މަޝްރޫޢުގެ ކާމިޔާބީތަކާއި މިހާރު ތަރައްޤީކުރަމުންދާ ރަސްމާލެ މަޝްރޫޢުގެ ކޮންސެޕްޓްތައް ހިއްސާކުރެވިގެންދިޔައެވެ.
މި ދެ އިވެނޓުގައިވެސް ރައިސް މުއިއްޒު ވަނީ ބައިވެރިވެރވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މި މަހާސިންތާގެ ރަސްމީ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން ”މޭކޮންގ ކްލައިމެޓް ފައިނޭންސް ވަރކް ފޮރ ސިޑްސް: ބިލްޑިންގ އޮން ދަ އައުޓްކަމްސް އޮފް ކޮޕް28“ ގައި ދިވެހިރާއްޖެ ތަމްސީލްކޮށް މިނިސްޓަރ ތޯރިގް ބައިވެރިވެވަޑައިގެންފައި ވެއެވެ.
އަދި މިނިސްޓަރގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް، އެ ޤައުމުތަކުން ކުރިމަތިލާންޖެހިފައިވާަ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަ ކުރުމުގައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ކޮންފަރެންސަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ކޮންމެ 10 އަހަރަކުން އެއްއަހަރު އ.ދ. އިން ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ ސިޑްސް މަހާސިންތާގައިު ކުދި ޖަޒީރާ ޤައުމުތަކުގައި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގެ މަގު ފަހި ކޮށްދިނުމަށް މުހިއްމު މަސައްކަތްތަކަކާއި މަޝްވަރާތައް ކުރިއަށްގެންދެވިފައިވެއެވެ.

