ރަސްމީ ދަތުރުފުޅެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރ މުސާ ޒަމީރު ސްރީލަންކާގެ ވެރިރަށް ކޮލޮންބޯއަށް ފުރައިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާގެ ވެރިރަށް ކޮލޮންބޯއަށް ރަސްމީ ދަތުރުފުޅެއްގައި އަންނަ ޖޫން މަހު 3 އިން 6 އަށް ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ހިސް އެކްސެލެންސީ އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ތެރެއިން ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންގްހެ ، ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ އާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ދަތުރުފުޅު ތެރެއިން އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތަކެއް ކުރެވިގެން ދާނެއެވެ.
ސްރީލަންކާއަކީ ދިވެހި ރައްޔިތުން ދިރިއުޅޭ ތަނަކަށް ވާއިރު، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

