1445 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
“ޙައްޖު އޮޕަރޭޝަން 2024” ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރާ ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ކުރާ އެއްގަމު ދަތުރު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރޕޯޓުގަައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސިފައިން މަސައްކަތްކުރާނެއެވެ.
ހަމައެއާއެކު، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސިފައިން މަސައްކަތްކުރާނެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.
ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ހުކުރު ދުވަހު ފުރީ 272 ހައްޖުވެރިންނާއި 26 އެހީތެރިންނެވެ. އޭގެ އިތުރަށް ޖޫން ތިނެއްގައި 330 ހައްޖުވެރިންނާއި 23 އެހީތެރިން އަދި ޖޫން ހަތެއްގައި 316 ހައްޖުވެރިންނާއި 23 އެހީތެރިން ފުރާނެ އެވެ.

