ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ލިބިނެ ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ބުނެފިއެވެ.
މިނިސްޓްރީއިން މިފަދައިން ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 65ާ ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދުއަށް ޙަވާލާދީ ކުރި އިއުލާނެއްގައިއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދެންނެވުނު ޤާނޫނާއި ޤަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 (ދިހަ ހާސް ހަސަތޭކަ ނަވާރަ) ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 (އެއްލައްކަ ދެހާސް އަށްސަތޭކަ ހަތެއް) ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ -/1،765،704،400ރ (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށް ބުނިއެވެ.
އެހެންކަމުން، 2024 ޖޫން 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފައެވެ. އަދި 2024 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް، ދެންނެވުނު ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ xpat@1500help.mv އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެކަމަށް މިނިސްޓްރީއިން ބުނިއެވެ.

