ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގައި ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ފާހަގަކުރެވުނު: އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓު

ދިވެހިރާއްޖޭގެ ސުޕްރީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އެއްވެސް ކުރިއެރުމެއް އައިސްފައިނުވާކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ގުޅުން ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރެވުނުކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން މި އަހަރުގެ އެޕްރިލް މަހުގެ ފަހުކޮޅު އާންމުކޮށްފައިވާ ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްތަކާއި ބެހޭ އަހަރީ ރިޕޯޓުގައި އެ ގައުމުންވަނީ ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަަރުކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 2023 ވަނަ އަހަރުގެ ތެރޭގައި އެއްވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައިނުވާކަން ހާމަކޮށްފައެވެ. އެގޮތުން އެއްވެސް ވަރެއްގެ ފާހަގަކުރެވޭ ވަރުގެ ބަދަލެއް ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުނުވެދިއުމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އައިސްފައިނުވާކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުނުވެދިޔަ މައްސަލަތަކުގެ ސާބިތުހިފޭ ވަރުގެ ރިޕޯޓުތައް ލިބިފައިވާކަމަށާއި އޭގެ ތެރޭގައި އަނިޔާވެރި އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި ރާއްޖޭގެ ޖަލުތަކުގައި ގައިދީން ބޭތިއްބުން ހިމެނޭކަމަށް ބުނެފައިވާއިރު، ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ގުޅުން ހުރި ބޮޑެތި މައްސަލަތައްވެސް ފާހަގަކުރެވޭކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެ ގައުމުން ބުނެފައިވާގޮތުން 2023 ގައި ދުލާއި ގަލަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށްވެސް ވަރަށް ބޮޑެތި ހުރަސްތައްވެސް ހުރިކަމަށާއި ޖިންސީ ގޮތުން ތަފާތުކޮށް އަނިޔާތައް ކުރިމަތިކުރުމުގެ މައްސަލަތައްވެސް ރާއްޖޭގައި ފެންމަތިވެފައިވާކަމަށް ބުނެފައިވެއެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައިވެސް މައްސަލަތައް ހުރިކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ގައުމުން ބުނެފައިވާގޮތުން އޭރުގެ ސަރުކާރުންވަނީ އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ އޮފިޝަލުންގެ މައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތްތައް ފަށާފައިކަމަށެވެ. އެހެންނަމަވެސް އަނިޔާކުރުމުގެ މައްސަލަތަކުގައި ތަހުގީގީ މަސައްކަތްތަކުގެ ދުވެލި މަޑުކަމަށާއި ދައުވާކުރުމާއި އަދަބު ދިނުމުގެ މަރުހަލާއާއި ހިސާބަށް ވާސިލުވުންވެސް ލަސްކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންއަށް އަނިޔާކުރުމުގެ 119 މައްސަލައެއް ހުށައެޅިފައިވާކަމަށް ބުނެފައިވާއިރު 2022 އާއި 2021 ވަނަ އަހަރާއި އަޅާ ބަލާއިރުވެސް 2023ގައި މި އަދަދުތައްވަނީ މަތިވެފައިކަމަށް ފާހަގަކޮށްފައެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 46 މައްސަލައެއް ތަހުގީގުކުރަމުންދާކަމަށް ރިޕޯޓުގައިވާއިރު އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ 61 މައްސަލައެއް ނިންމާލާފައިވާކަމަށާއި 12 މައްސަލައެއް ރަސްމީގޮތުން ރެޖިސްޓްރީނުކުރާކަމަށްވެސް ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ދައުވާކުރުމަށް އެޗްއާރްސީއެމްއިން ޕީޖީ އޮފީށް ފޮނުވި މިފަދަ 8 މައްސަލައިގެ ތެރެއިން އެ އޮފީހުންވަނީ 2 މައްސަލައެއްގައި ދައުވާކުރުމަށް އިންކާރުކޮށްފައިކަމަށާއި 2023ގެ އޮކްޓޯބަރުގެ ނިޔަލަށްވެސް ބާކީ ތިބި މައްސަލަތަކުގައި ދައުވާ އުފުލާނެކަން ނުވަތަ ނޫންކަނަވެސް ކަށަވަރުވެފައިނުވާކަމަށް ބުނެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ފުލުހުންގެ މުއައްސަސާއިންދަނީ އަނިޔާކުރުމުގެ މައްސަލައިގައި ތިން ފުލުހެއްގެ މައްސަލަ ތަހުގީގުކުރަމުންކަމަށް ބުނެފައިވެއެވެ.

ގައިދީން ގިނަވެ ފުރި ބާރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ޖަލުތަކުގެ ހާލަތު ހުރީ އުޅެންދަތި ފުރާނައަށް ނުރައްކާވާ ހިސާބުގައިކަމަށްވެސް ބުނެފައިވާއިރު، ބައިނަލްއަގުވާމީ ގޮތުން ސާފުތާހިރުކަމަށް ބެލެވޭ މިންގަނޑުތަކަށް ނުފެތޭކަމަށާއި ސިއްހީ ހިދުމަތްތައް ފުރިހަމަވެފައިވާކަމަށް ބެލެވޭ މިންގަނޑުތަކަށްވެސް ނުފެތޭކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެހެނިހެން ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ ޖަލުތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައުލޫމާތުތައް ބިނާކޮށްފައިވަނީ އެޗްއާރްސީއެމްއާއި ޑިފެންސް ލޯޔަރުންގެ ވާހަކަތަކުގެ މައްޗަށްކަން ރިޕޯޓުގެ މައުލޫމާތުތަކުން ހާމަވެގެންދާއިރު 2023ގެ ސެޕްޓެމްބަރުން ފެށިގެން މި ރިޕޯޓު ޝާއިއުކުރެވުމާއި ޖެހެންދެންވެސް 2021 ވަނަ އަހަރުގައި ދޫނިދޫގައި ބޯފެނުގެ ނިޒާމު އިންސާނުން ބޭނުންކުރާ ވަރަށްވުރެ ތަގައްޔަރުކަމަށް އެޗްއާރްސީއެމްއިން ރިޕޯޓުކޮށްފައިވާ މައްސަލައަށް ހައްލެއް ގެނެސްފައިނުވާކަމަށާއި އަދިވެސް ދެމުންދަނީ ފުޅީގައި ބަންދުކުރެވިފައިވާ ފެންކަމަށް ބުނެފައިވެއެވެ.

މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީންނަށް ދުވާލަކު އެއް ގަޑިއިރަށްވެސް ގޮޅިތަކުން ބޭރަށް ނުނުކުމެވޭކަމަށްވެސް އެޗްއާރްސީއެމްއިން ރިޕޯޓުކޮށްފައިވާކަމަށް ބުނެފައިވާއިރު، ގާނޫނީގޮތުން ލާޒިމުކަމެއް ނުކުރެވިދާ ސަބަބަކީ މުއައްޒަފުން މަދުވުމާއި ސެކިއުރިޓީ މައްސަލަތައް ފެންމަތިވުންކަމަށް މައުލޫމާތު ދީފައިވާކަމަށްވެސް ސްޓޭޓް ޑިޕާޓުމެންޓުގެ ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ގާނޫނު ބައްޓަންކޮށްފައިވާގޮތުން ޝަރުއީ ނިޒާމު އޮތީ މިނިވަންކޮށްކަމަށް ރިޕޯޓުގައި ބުނެފައިވާއިރު ސަރުކާރުން އާންމު ހާލަތްތަކުގައި އެ މިނިވަންކަމަށް އިހުތިރާމްކުރާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ބޭރުގެ ނުފުޒުތަކުގެ އަސަރުވެސް ކުރާކަމަށާއި ލޯޔަރުން ޝަރުއީ ނިޒާމުގެ ތެރޭގެ މައްސަލަތަކާއި ޝަރުއީ ދާއިރާގެ އޮފިޝަލުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ މައްސަލަތައްވެސް ރިޕޯޓުކުރާކަމަށް ބުނެފައިވެއެވެ. އަދި ވަކީލުންނަށް ބިރުދެއްކުމާއި ރިޝްވަތު ދިނުމުގެ މައސަލަތައްވެސް ފާހަގަކުރެވޭކަމަށް ބުނެފައިވާއިރު، ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުންވެސް ޝަރުއީ ނިޒާމަށް އެކި ތުހުމަތުތައް އަމާޒުކުރާކަމަށް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ގާނޫނުން ކޮންމެ ރައްޔިތަކަށްވެސް އިންސާފުވެރި ޝަރީއަތެއްކަަށަވަރު ކޮށްދީވާނަމަވެސް ޝަރުއީ ނިޒާމުގެ ތެރެއިން މިކަމަށް ފުރިހަމައަށް އިހުތިރާމް ނުކުރާކަމަށް ބުނެފައިވެއެވެ. އެގޮތުން ކޯޓުގައި މުއާމަލާތްކުރުމަށް ބޭނުންކުރެވެމުންދާ ބަހުރުވަ ފަހުމް ނުވާ މީހުންނަށް ތަރުޖަމާނަކު ހަމަނުޖެއްސުން ފަދަ މައްސަލަތައް ވަކީލުން ހިއްސާކުރާކަމަށާއި އާންމު މައްސަލަތަކުގައި ކޯޓުގައި ޖިންސުގެ ތަފާތެއް ފާހަގަނުކުރެވޭނަމަވެސް ރޭޕް ފަދަ މައްސަލަތަކުގައި ތަފާތުތައް ކުރުމަށް ގާނޫނީގޮތުން ޖާގަ އޮތްކަމަށް ބުނެފައިވެއެވެ. އެގޮތުން ރޭޕްގެ މައްސަލަތަކުގައި 2 ފިރިހެނުންގެ ހެކިބަސް ބަލައިގަންނައިރު 4 އަންހެނުންގެ ހެކިބަސް ބޭނުންވާކަމަށާއި މަދަނީ ގާނޫނުތައް އެކުލަވާލެވިފައިނުވާ ދާއިރާތަކުގައި ހުކުމްތައް ކުރުމަށް ޝަރުއީ ހަމަތަކުގެ ބޭނުން ހިފާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނުން ސަރުކާރުގެ އޮފިޝަލުން ކޮރަޕްޝަންގެ އަމަލުތަކަށް އަރައިގަތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ގާނޫނު އެކަށީގެންވާ ގޮތަށް ތަންފީޒުނުކުރާކަމަށާއި 2023 ވަނަ އަހަރުގެ ތެރޭގައި އޭސީސީއަށް ސަރުކާރާއި ގުޅުން ހުރި ކޮރަޕްޝަންގެ އެތައް މައްސަލައެއް ހުށައެޅިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަބަދެއް ނުލިބޭނެކަމަށް ދެކިގެން ފަދަ ގޮތަކަށް ބައެއް މީހުން ކޮރަޕްޝަންގެ އަމަލުތަކަށް އަރައިގަންނަމުންދަނީ ސަރުކާރުން އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް އަބަދު ދިނުމުގައި ލަސްވާތީކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ އަދަދެއްގެ ގާނޫނުތައް ފާސްކުރެވިފައިވާކަމަށް އަލިއަޅުވާފައިވެއެވެ. އެހެންނަމަވެސް ސަރުކާރުން އެކަށީގެންވާ ގޮތެއްގެ މަތިން އެ ގާނޫނުތައް ތަންފީޒުނުކުރާކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި ފުލުހުންވެސް ފަސްޖެހޭކަމަށްވުމުން އަނިޔާތައް ލިބިގެންދާ ފަރާތްތަކުން ރަސްމީކޮށް މައްސަލަތައް ހުށައަޅަންވެސް ފަސްޖެހޭކަމަށް އެންޖީއޯތަކުން ރިޕޯޓުކުރާކަމަށް ބުނެފައިވެއެވެ.

ވަރިވުމަށްޓަކައި އަންހެނަކު ކޯޓަށް މައްސަލަ ހުށައެޅުމުން ވާން ނުޖެހޭ ލަސްތަކެއް ވާކަމަށް އަންހެނުންގެ ހައްގަށް މަސައްކަތްކުރާ އެކްޓިވްސްޓުން ރިޕޯޓުކުރާކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ. އަދި ގާނޫނުގައި އިންތިޒާމުތައް ހަމަޖެހިފައިވާނަމަވެސް މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ހަމަ ފުރުސަތެއް ލިބިގެންދާކަން ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅި އެ އަހަރުގެ ތެރޭގައި ތަންފީޒުކުރެވިފައިނުވާކަމަށްވެސް އެކްޓިވިސްޓުން ރިޕޯޓުކުރިކަމަށް ބުނެފައިވެއެވެ.

ނަސްލީ ތަފާތުކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން މަނާކުރެވިފައިވާކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ސަރުކާރުތަކުން އާންމު ހާލަތުގައި އެ ގާނޫނު ނަހައްޓާނަމަވެސް ބައެއް ހާލަތްތަކުގައި ތަފާތުކުރުންތަކަށް ޖާގަ ލިބިފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތާއި އާންމުންގެ ދިރިއުޅުމުގެ ހާލަތު ތަފާތުކަމަށް އިޝާރާތްކޮށްފައިވާއިރު ހާއްސަ ގޮތެއްގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނާއިމެދު މިގޮތުގެ މަތިން ތަފާތުތައް ގެންގުޅޭކަމަށް ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.

2022 ވަނަ އަހަރު ރާއްޖޭގައި މިނިމަމް ވޭޖް ގާނޫނެއް ތަންފީޒުކުރި އިރު އެކަން ކޮށްފައިވަނީ ފުރަތަމަ ދެ އަހަރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުއައްޒަފުންނަށް އެކަމުގެ މަންފާއެއް ނުލިބޭ ގޮތަށްކަމަށްވެސް ބުނެފައިވެއެވެ. އަދި އެންޖީއޯތަކުން ނަސްލީތަފާތު ކުރުން ފަދަ ބައެއް މައްސަލަތައް ކޮންމެވެސް ވަރަކަށް ރިޕޯޓުކުރާނަމަވެސް އެފަދަ ހާލަތްތައް ނައްތާލުމުގެ ގޮތުން 2023ގައި ސަރުކާރުން އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މެދު ތަފާތުކުރުމާއި ދެކޮޅަށް ގާނޫނީގޮތުން ގިނަ ފިޔަވަޅުތަކެއް އެޅިފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އާންމުނާއި އެއް ހަމަ މިންގަނޑެއްގައި ތައުލީމާއި ސިއްހީ ހިދުމަތްތަކަށް ފުރުސަތު ފަހިވެފައިނުވާކަމަށާއި ސަރުކާރުގެ އިމާރާތްތަކަށް ވަދެ ނިކުމުގެ ހެދުމުގައިވެސް އެންމެނާއި އެއްހަމަ ފަސޭހަކަމެއް ލިއްބައިދެވިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ގާނޫނުއަސާސީގެ ދަށުން ވަޒީފާގެ މާހައުލުގައިވެސް ތަފާތުކުރުމަށް ޖާގަ ލިބިފައިނުވާނަމަވެސް ގާނޫނީގޮތުން ފުރިހަމައަށް އެކަން ކަަށަވަރުކޮށްދެވިފައިނުވާކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ ތެރޭގައި ޖެންޑާރ މިނިސްޓްރީއިން ކުޑަކުދިން ބައިތިއްބާ 14 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދިޔަކަމަށްވެސް ބުނެފައިވެއެވެ. އަދި ބައެއް ފެސިލިޓީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ތިބިކަމަށް ބުނެފައިވާއިރު ފެސިލިޓީތަކުގެ މުއައްޒަފުންނާއި އެންޖީއޯތަކުންވަނީ އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ފުރިހަމަނުވާކަމުގެ މައުލޫމާތު ދީފައިކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާނެ ފޮތް ފަދަ ތަކެތީގެ އިތުރުން އަންނައުނާއި ކުޅެ މުނިފޫހިފިލުމަށް ބޭނުންވާ ޖާގައާއި ޒަމާނީ ވަސީލަތްތައް މަދުވުމާއި ނެތުމުގެ މައްސަަލަތައް ހިއްސާކޮށްފައިވާއިރު މުއާސަލާތީ ހިދުމަތްތައްވެސް އެކަށީގެންވާ ގޮތެއްގެ މަތިން ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށާއި އެކަށީގެންވާ އަދަދަށް ތަމްރީނު ލިބިފައިވާ މުއައްޒަފުން އަދި ލިބިފައިނުވާ މުއައްޒަފުންވެސް ނެތްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: