ޒަކާތު ހައުސްއިން ބޭސްފަރުވާއަށް ކުރި ޙަރަދު 1 މިލިއަން އަށް އަރާފައިވާ ކަމަށް ޒަކާތު ހައުސްއިންގެ ތަފާތު ހިސާބު ތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިންގެ ތަފާތު ހިސާބުތަކަށް ބަލާއިރު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދެވިފައިވާ މައިގަނޑު ކަންކަމަކީ ކެންސަރު، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތައް، ސިކުނޑީގެ އޮޕަރޭޝަންއާއި އަދި އެހެނިހެން ބަލިތައް ހިމެނެއެވެ. އެގޮތުން ކެންސަރު ބަލިއަށް 34.9 އިންސައްތަ ހޭދަކޮށްފައިވާއިރު، ކިޑްނީ ބަލިތަކަށް 6.8 އިންސައްތަ ވަނީ ހޭދަކޮށްފައެވެ. އަދި ސިކުޑީގެ އޮޕަރޭޝަންއަށް 5.5 އިންސައްތަ ހޭދަކޮށްފައިވާއިރު ހިތުގެ ބަލިތަކަށް 5.2 ވަނީ ހޭދަކޮށްފައެވެ.
މީިގެ އިތުރުން އެޙިގެ ގޮތުގައި ޙަރަދުކުރި އަދަދު 1،632،265 (އެއް މިލިޔަން ހަލައްހަ ބައްތިރީސްހާސް ދުއިސައްތަ ފަސްދޮޅަސް ފަހެއް) ވާއިރު އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ (އެއް މިލިޔަން ދެލައްކަ ތޭރަހާސް ހަސަތޭކަ ސައްވީސް) އެވެ. އަދި އެހީ ދޫކުރެވިފައިވާ މީހުންގެ އަދަދަކީ 180 މީހުންނެވެ.
ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރައަށް 262،2666.50 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ފަންޑުން ބުނެއެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި 41،937.71 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ޒަކާތް ހައުސްއިން ބުނެއެވެ.
ޒަކާތު ހައުސްއިން ކުރެވޭ މަސައްކަތުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން ހިމެނެއެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމާއި އަދި ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

