”ޕަބްލިކް ވާރކްސް ޚިދުމަތް“ މިހާރު ކުރިއަށްދާ ގޮތާއި، އެ ޚިދުމަތް ފޯރުކޮށް ދެއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ހިއްސާކޮށްފައިވާ ކަމަށް ސިޓިތަކާއި އިދާރީ ދާއިރާތައް ހިނގުމާއި އާންމު މަސައްކަތާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މި ވުޒާރާގެ މެންޑޭޓާއި ގުޅޭ މަޢުލޫމާތު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ދިނުމުގެ ސެޝަނެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ވަނީ ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރުންގެ އިތުރުން މި ވުޒާރާގެ އިސްވެރިންވެސް ވަނީބައިވެރިވެ ވަޑައިގެންފައެވެ. މި މަޢުލޫމާތުގެ ޝެޝަންތަކުގައި މަޖިލިހުގެ މެމްބަރުންނަށް މަޢުލޫމާތުދެއްވާ އަދި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މިނިސްޓަރ އާދަމް ޝަރީފް އެވެ. އަދި މި ޝެޝަންގެ ތެރެއިން ޕަބްލިކް ވާރކްސް ޚިދުމަތް މިހާރު ކުރިއަށްދާ ގޮތާއި، އެ ޚިދުމަތް ފޯރުކޮށް ދެއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭ މަޢުލޫމާތު މެންބަރުންނަށް ވަނީ ހިއްސާކޮށްފައެވެ.
މި ޝެޝަނުގައި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިދާރީ ދާއިރާތަކުގެ މަސައްކަތް ބެހިފައިވާ ގޮތާއި މިނިސްޓްރީގެ ފަރާތުން އިދާރީ ދާއިރާތަކަށް ކަނޑައަޅުއްވާފައިވާ ވެރިން ތަޢާރަފު ކުރެއްވުން ހިމެނިގެން ދިއައެވެ. އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއި ކުރިއަށް އޮތްތާގައި މިނިސްޓްރީން ރާވައި ހިންގުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު މެންބަރުންނަށް ވަނީ ހިއްސާކޮށްފައެވެ.
މި ޝެޝަނުގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ލާމަރިކަޒީ ނިޒާމާ ގުޅުން ހުރި ކަންކަން އިތުރަށް އިސްލާޙްކުރުމަށްޓަކައި އެ ކަމުގެ ދިރާސާއެއްހެދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ޔުނިވަރސިޓީން ނިމުމާއެކު، އާންމުންގެ ޙިޔާލުހޯދާ، ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެވި، އެ ދިރާސާގައިވާ ކަންކަން މަޖިލީހަށް ހިއްސާކުރައްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ޝެޝަން ނިންމަވާލުއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ ރައިސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްވި މަޢުލޫމާތުތަކަކީ މަޖިލީހުގެ މެންބަރުންނަށް ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ކަމަށާއި މިނިސްޓްރީގެ ފަރާތުން ހުށައަޅުއްވާފައިވާ ކަންކަމުގައި މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިލައްވާނެކަމުގައި ވަނީ ފާހަގަކޮށްފައެވެ.

