ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާރސިޓީގެ ދަސްވެނިމުމުގެ ޙަފްލާގެ ސެޝަން ޝަރަފުވެރިކޮށްދެއްވައި ސާޖިދާ ވިދާޅުވި ޔުނިވަސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޔުނިވަސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން ވަނީ އެދިވަޑައިގަންފައެވެ. އަދި އިސްލާމީ ޔުނިވަސިޓީއަކީ ފަހުގެ ތާރީޚުގައި ދިވެހި އިސްލާމީ މުޖުތަމަޢަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީޚީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވަރސިޓީގެ ފެށިގެންއައި ގޮތުގެ ތާރީޚަށްވެސް ވަނީ އަލިއަޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަބަލުން ވަނީ މިއަދު ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

