ކާބޯތަކެތީގެ ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރެއްވުމަށާއި ކާބޯތަކެތީގެ ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ.
އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ހިމެނޭކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ޙަޔާތުގެ ތަރައްޤީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ
މީގެ އިތުރުން، އެކަމަނާވަނީ ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ދަނޑުވެރިކަމާއި މަސްވެރިކަން އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާޞިލުކުރުމަށްވަނީ ބާރުއަޅުއްވާފައެވެ.
މަސްވެރިކަން ނަމަ މަހާއި މެދު ޢަމަލުކުރަން ޖެހޭ ރައްކާތެރި ގޮތްތަކުގެ މިންވަރު، ދަނޑުވެރިކަމުގެ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސްއަށް ޢަމަލުކުރުން…މީގެ އިތުރަށް ޤާނޫނާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި ތަންފީޒުކުރުން… ވަކިން ޚާއްސަކޮށް ރައީސުލްޖުމުހޫރިއްޔާ ދާދިފަހުން ތަންފީޒުކުރެއްވި ކާބޯތަކެތީގެ ޤާނޫނު ތަންފީޒުކުރުން…
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދިރާސާތަކުން ދައްކާގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގެއްލުމުގެ ސަބަބުން އަހަރަކު 4،20،000 (ހަތަރުލައްކަ ވިހި ހާސް) މީހުން މަރުވާކަމަށާއި 1،25000 (އެއްލައްކަ ފަންސަވީސް ހާސް) އަކީ މައުޠޫމު ކުޑަކުދިން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ކުރިމަތީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުވަނީ އެ ސަބަބަށްޓަކައި ކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ ’ކާބޯތަކެތީގެ ރައްކާތެރިކަން“ ކަމަށާއި އަދި ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވެ ތިބުމަށް ވަނީ އެދިލައްވާފައެވެ. އަދި މިއަހަރުގެ ޝިޢާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

