ގެޒެޓުގައި ލިސްޓުގައި ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރުމަށް ލާޒިމްކޮށް ބިމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރިއިރު ރައްޔިތުންނަށް ގޯތިތައް ވެސް ދީފައި ހުރީ އެ ގާނޫނުގެ ދަށުން ނޫންކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމި، ޓްރާންސިޝަން މުއްދަތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭކަމަށް ގެޒެޓު ކުރި ލިސްޓަށް ގޯތި ހަވާލުކުރުން ލާޒިމްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލުމުން އެ ބިލު މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.
ހުސްނީ ވިދާޅުވީ ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލި އިރު، މިދިޔަ ދައުރުގައި އެމްޑީޕީގެ މެމްބަރުން އެ މަސައްކަތް ކުރީ ކޮން ނިޔަތެއްގައިތޯ ބެލުން ވެސް މުހިންމު ކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭތީ އެ ހައްގުތައް ނިގުޅައިގަނެ، އެކަން ހުއްޓުވުމަށް ޕީއެންސީގެ ޕާލިމަންޓު ގުރޫޕުން ނިންމި ނިންމުމެއް ނޫންކަމަށް ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ މާލޭގެ ރައްޔިތުން ވެސް ދިރިއުޅެނީ ވަރަށް ދަތިހާލުގައިކަމަށާއި، ޒަމާންތަކެއްވެގެން ދިޔައިރު ވެސް ހައްލެއް ގެނެވިފައި ނެތް މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ.
މި ބިންތައް ކޮން ގޮތަކަށްތޯ ކުރެވިފައި މިހުރީ.. އަދި މި ބިލު ކޮން ގޮތަކަށް ތޯ އިސްލާހު ގެނެސްފައި ވަނީ… އެއެއް ބަލަން މިޖެހެނީ.. މި އިސްލާހު ފާސްކޮށްގެން، ގާނޫނަކަށް ވާ ހާލަތެއްގައި ބިމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުރި އެހެން މާއްދާތަކާ ތައާރުޒުތަކެއް އެބައާދޭ.. އެހެންވީމަ މި ހުރިހާކަމަކަށް ރިއާޔަތް ކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީގެ ސަބަބުތަކަށް ބަލައި އަޅުގަނޑުމެން އެގޮތަށް ނިންމީ..
ބިމާ ބެހޭ ގާނޫނަށް އެމްޑީޕީން ގެނައި ދަށުން ގެޒެޓުގައި ޝާއިއު ކުރާ ލިސްޓާ އެއްގޮތަށް ގޯތި ދޫކުރަން ޖެހޭއިރު، ބިންތައް ދޫކޮށްފައި ހުރީ އެ ގާނޫނުގެ ދަށުންތޯ ވެސް ބަލަން ޖެހޭކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ބިމާ ބެހޭ ގާނޫނުގައި ބުނާގޮތުން، ގޯތި ދޫކުރާއިރު އެކަމަށް އެކަށޭނެ ބިމެއް އޮންނަން ޖެހޭނެކަމަށް ބަޔާންކުރާކަމަށެވެ. ފަޅުތަކުން ގޯތި ދޫކޮށްފައި ހުރިއިރު، ހުސް ބިމަކުން ރައްޔިތުންނަށް ދޫކޮށްފައި ހުރި ގޯތި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ފަޅުން ދޫކޮށްފައި ހުރި ގޯތިތައް، ތިން މަސް ދުވަހުގެ މުއްދަތުން އެއްކޮށް ހިއްކޭނެ ގޮތެއް ނެތްކަމަށާއި އަދި ލޭންޑްޔޫސް ޕްލޭން ވެސް ތައްޔާރު ކުރެވޭނެ ވަގުތެއް ނެތްކަމަށެވެ.
ބިލު އަނބުރާ ފޮނުވާލައި، ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން އެ ގޯތި ލިބޭ ފަރާތްތަކަށް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ. އަދި ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފެށުން ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާއާއި އެ މައްދާގެ ދަށުން އެކުލަވާލާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގައި 25 ވަނަ މާއްދާގައި ލާޒިމުކޮށް އެގޮތަށް އަމަލުނުކޮށްފި ނަމަ އެ ގޯއްޗެއް ލިބުނު މީހެއްގެ އަތުން އަތުލެވޭނެކަމަށް އޮތުމެވެ.
އަމަލީ ގޮތުން ދިރިއުޅެން ފެށެން ނެތްތަނަކުން ގޯތިތައް ދޫކުރުމުގެ ނަތީޖާއަކީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ހައްގުތައް އެ ގޯތި ދޫކުރާ ތާރީހުން ފެށިގެން ހުރަސްއެޅުންކަމަށް ވެސް ރައީސް މުއިއްޒުގެ ސިޓީގައި ވެއެވެ.
މީގެއިތުރުން ނުހިއްކައި އޮތް ސަރަހައްދުތަކުން ގޯތިތައް ދޫކުރާއިރު، އެ އިސްލާހު ގާނޫނަކަށް ބަދަލުވާ ހާލަތެއްގައި ތިން މަސް ދުވަހުގެ ތެރޭގައި އެ ފަޅުތައް ހިއްކޭނެ ގޮތެއް ނެތްކަމަށް ވެސް ސިޓީގައި ވެއެވެ.

