ވިންޑިކްޓިވް ރެކޯޑްސްގެ ”ހޯޕް“ ލަވައިގައި ރާއްޖޭގެ ލަވަކިއުންތެރިޔާ އަހުމަދު އަދުހަމް ތައާރަފުކޮށްފި އެވެ.
މި ލަވަ ލިޔެފައި ވަނީ ”ސާބިގު“ އެވެ. އަދި ލަވައިގެ ރެޕް ލިޔެފައި ވަނީ އަދުހަމް އާއި ސަރްބިގް އެވެ. ލަވައިގެ މިއުޒިކާއި ވީޑިއޯ ހަދައިދީފައި ވަނީ ސަރްބިގް ތޫނޭޒް އެވެ. އަދި މުޅި ޕްރޮޖެކްޓްގެ ޕްރޮޑިއުސަރަކީ އަމްރިތު ސިންގް ޗަހާލް އެވެ.
ރާއްޖޭގައި އުފެދެމުން އަންނަ ތަރިއެއް ކަމަށްވާ އަދުހަމްއާ ގުޅިގެން ވިންޑިކްޓިވް ރެކޯޑްސް އިން ނިންމުމަކީ މިއުޒިކް އިންޑަސްޓްރީގެ ތެރޭގައި ތަފާތު ހުނަރުތައް ދައްކާލުމާއި، ކްރޮސް ކަލްޗަރަލް އެކްސްޗޭންޖްތައް އުފެއްދުމަށް ކުރާ މަސައްކަތެވެ.
”ހޯޕް“ ގައި އަދުހަމް ބައިވެރިވުމަކީ ބައިނަލްއަގްވާމީ ފަންނުވެރިކަމެއް އިތުރުކޮށްދޭ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ ފެންވަރުގައި އާ އާޓިސްޓިކް ސިނަޖީތަކާއި ކޯލަބްރޭޝަންތަކުގެ ދޮރުތައް ހުޅުވިގެންދާ ކަމެކެވެ. މި ލަވައިގައި އަދުހަމް ބައިވެރިވުމަކީ ވިންޑިކްޓިވް ރެކޯޑްސް ބުނި ގޮތުގައި ބައިނަލްއަގްވާމީ ފަންނުވެރިކަމެއް އިތުރުކޮށްދޭނެ ސަބަބެކެވެ.
ސަންގާއި ވާހަކަ ދައްކަމުން އަދުހަމް ބުނީ، އެނާ ޖުމްލަ 09 ލަވަ ރެކޯޑުކޮށްފައިވާނެކަމަށާއި މިއަދު ރިލީޒްކޮށްފައި ވަނީ އޭގެ ތެރެއިން ފުރަތަމަ ލަވަކަމަށެވެ. މިއާއި އެކު ކުރިޔަށް ތަނުގައި އިތުރު ލަވަތައް ރިލީޒް ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާކަން އޭނާ ފާހަގަކުރި އެވެ.
މި ފުރުސަތަކީ، މިއުޒިކްގެ ދާއިރާއިން ކުރިޔަށް ދިއުމަށްޓަކައި، ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން އަދުހަމް ފާހަގަކުރި އެވެ. އަދި މިއީ ޕްރައިވެޓް ގިގްއެއްގެ ތެރެއިން ލިބުނު ފުރުސަތެއްކަމަށާއި، ބޭނުން ވަނީ ކުރިޔަށް އޮތްތަނުގައި އިންޓަނޭޝަނަލް ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކް ކުޅުންކަމަށް އަދުހަމް ބުންޏެވެ.
އަދުހަމް ވިންޑިކްޓިވް ރެކޯޑްސްއާއި އެކުވެފައި ވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އަދި މިހާރު ދަނީ ޔޫކޭގެ ލޭބަލްއަކާއި ގުޅިގެން ސޮއި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއާއި އެކު އިތުރު ޓުއާތަކެއް އަދުހަމް ކުރިޔަށް ގެންދާނެ އެވެ.
އަދުހަމް ބުނީ ދިވެހި ފަންނާނުންނަކީ ހުނަރުން ފުރިގެންވާ ބައެއްކަމަށާއި، ބޭނުން ވަނީ ފުރުސަތުތައް ލިބި އެ މަގު ތަނަވަސް ވުންކަމަށެވެ. އަދި ރާއްޖޭގައި ވަރަށް މޮޅު ހުނަރުވެރި، ފަންނާނުން ތިބިއިރު ކުރިޔަށް ދިއުމަށް އަދިވެސް ފުރުސަތުތައް ލިބެން ޖެހޭކަމަށް އޭނާ ބުންޏެވެ.
އަދުހަމްއަކީ ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ފާހަގަކުރެވޭ އާޓިސްޓެކެވެ. އަދި އޭނާ ރާއްޖޭގެ އެކި ރަށްތަކާއި، ރެސޯޓުތައް އަދި ތަފާތު އެކި ހަފްލާތަކުގައި ހުށަހެޅުންތައް ހުށަހަޅައިދެ އެވެ.

