ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.
”ސަންގުން“ ސުވާލު ކުރުމުން އައިޖީއެމްއެޗް ގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނު 10:30 ގައި ކަމަށެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދިޔަ އެ ކުއްޖާ މާލެ ގެނައިއިރުވެސް އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްއެވެ.
މިދިޔަ މަހުގެ 23 ގައި އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުޑަކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އެ ޒުވާނާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔައީ އޭގެ ދެ ދުވަސް ފަހުންނެވެ.
މި މައްސަލައިގައި ފުލުހުން މައުލޫމާތު ދިން ގޮތުގައި އުނގޫފާރު ކުޑަކުދިންގެ ޕާކް ކައިރީ ހުރި ހޮޅިދަނޑިއަކުން ކަރަންޓް އައިސް ދެ ކުއްޖަކު ކަރަންޓްގައި ޖެހިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މެއި މަހުގެ 23 ގައެވެ.
އެ ކުދިންގެ ފަރުވާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ރަށު ހޮސްޕިޓަލުން ބުނީ މި ހާދިސާގައި ތިން ކުދިންނަށް އަނިޔާވި ކަމަށެވެ. އެންމެ ބޮޑަށް ހާލު ދެރަވީ 18 އަހަރުގެ ފިރިހެން ކުއްޖާއަށްކަމަށް ވަނީ ބުނެފައެވެ. ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާއިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅެން 8 އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައި އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން އެކުއްޖާ ކަރަންޓުގައި ޖެހުނެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނު ކަމަށްވެއެވެ.
މި ހާދިސާއާ ގުޅިގެން މުޅި ރާއްޖޭގައި އިންސްޕެކްޝަނެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ.

