ރާއްޖޭގައި އާންމުވެފައިވާ ސްކޭމްތައް ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މި މަސައްކަތް ނިމުމާއިއެކު ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައިވެސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުންކަމަށެވެ.
ސްކޭމް ސެންޓަރުތައް އިންވެންޓް ކުރަނީ ރާއްޖޭގައި އެކަނި ނޫންކަމަށް ފާހަގަކޮށް ޝިފާން ވިދާޅުވީ މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކޮންސެޕްޓެއްކަމަށެވެ. މި ސެންޓަރު ގާއިމްވެގެން ދިއުމާއިއެކު ވިކްޓިމައިޒްވެފަ ހުންނަ މީހަކު އިތުރަށް ވިކްޓިމައިޒް ނުވާން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ކުރާނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ސްކޭމްތަކުގެ މައްސަލައިގައި 150 މިލިއަނަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަމަށެވެ.
ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ފުލުހުންގެ ޙިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހާސިލްވެގެންދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- މަސްތުވާތަކެއްޗާއި ގޭންގް ވައިލެންސްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާއި ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ޤާއިމްކުރުން.
- ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކާ އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުން.
- ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުން.
- މުސްތަޤްބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ޤާއިމުކުރުން.
- އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުން.
- ޕޮލިސް ބޭސިކް ސްކިލްސް ތަރައްޤީކުރުމާއި އަދި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުން.
- ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒްކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯރކް ބޭނުންކުރުން.

