ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓަރންޝިޕް ޕްރޮގްރާމެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމް.އޭ.ސީ.އެލް ) އިން ފަށައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރޝިޕް ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ( އެމް.އޭ.ސީ.އެލް ) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސް ވުމަކީ އެއް އަހަރު ދުވަހަށް ވެފައިވާ އެއްބަސް ވުމެކެވެ.
މި ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ 9 ޖޫން 2024 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި އެމް.އޭ.ސީ.އެލް ހެޑް އޮފީހުގައި އެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރި ވެފައެވެ. އަދި މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ލަމްޢާން އަދި އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފް އެވެ.
މި ފްރޮގުރާމްގެ މައިގަނޑު މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުއް ފަހިކޮށްދިނުމާއި މުޖުތަމަޢުގައި ހަމަހަމަކަމުގެ ސަޤާފަތެއް އާލާކުރުމުގެ އިތުރުން، މުޖުތަމަޢުގައި ބާރުވެރިކުރުމާއި އަދި ހުރިހާ ފަރާތްތަކަށް ޝާމިލް ވެވޭނެ ރަނގަޅު މުޖްތަމަޢު އެއް ބިނާކުރުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން މިފަދަ ފަސް ބޭފުޅަކަށް އެމް.އޭ.ސީ.އެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމް.އޭ.ސީ.އެލްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، މި ޕްރޮގުރާމްގެ ތެރެއިން އިންޓަރޝިފް ލިބިދޭ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން ޢަމަލީ ގޮތުން ލިބެންޖެހޭ މަޢުލޫމާތު އަދި ހުނަރުވެރިކަން ކުންފުނިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފް ވިދާޅުވީ، ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަކީވެސް ހުނަރުވެރި ފަރާތްތަކެއް ކަމަށާއި އަދި އެމީހުންވެސް މުޖުތަމަޢު ތެރޭގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފް ވިދާޅުވީ، މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވާ ޙާއްސަ ސަމާލުކަން ފާހަގަކުރައްވާ ކަމަށެވެ.

