ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަންވާނީ، ކެތްތެރިކަމާއި އެކު ރަނގަޅަށް ވިސްނާފައި: ގާސިމް

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހަކީ، ދިރާސާ ކުރަން ޖެހޭ ވަރަށް ނުބަލައި ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި އަޅާ ފިޔަވަޅަކީ ކެތްތެރިކަމާއި އެކު ރަނގަޅަށް ވިސްނައި އަޅާ ފިޔަވަޅަކަށް ވާން ޖެހޭކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސަށް ހަތަރު ގަޑިއިރު ކަނޑައެޅި ނަމަވެސް މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރެކެވެ.

ބިލަށް ވާހަކަ ދައްކަވަމުން، ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅީ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް އިސްލާހު ފޮނުވުމުގެ ބަދަލުގައި، 241 ކޮމިޓީއަށް ފޮނުވުމަށެވެ. އެކަމަށް ޕީއެންސީގެ އެހެން މެމްބަރުން ތާއީދު ކުރެއްވި އިރު އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ހިމެނެ އެވެ.

ޕީއެންސީގެ މެމްބަރުން އެންމެ ބޮޑަށް ބިލުގެ ބަހުސްގައި ސުވާލު އުފެއްދީ އެމްޑީޕީގެ އިހުލާސްތެރިކަމާއި މެދު އެވެ. އަދި އިޒްރޭލުން، ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް އޮކްޓޯބަރު މަހު ވަރުގަދަ ކުރިއިރު އޭރު ވެރިކަމުގައި އޮތީ އެމްޑީޕީކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އޭރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަން ނުނިންމީ ކީއްވެގެން ތޯ ސުވާލު އުފެއްދި އެވެ.

މީކާއިލްގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދައި، މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ހެޔޮ ނިޔަތެއް ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ އުމްރާއަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުންނާއި ޔަހޫދީންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމުގެ ކުރިން ވިސްނަން ޖެހޭ ކަމަށެވެ. އިސްލާހުގައި ޑުއަލް ސިޓިޒެންޝިޕް އޮތް ނަމަވެސް، ރާއްޖެ އެތެރެ ނުވެވޭނެކަމަށް ބުނެފައި ވާތީ އެ މާއްދާއަށް ގާސިމް ދެކޮޅު ހެއްދެވި އެވެ. އަދި ވިދާޅުވީ އެގޮތަށް މީކާއިލް ހިމެނީ ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގިތުން ކަމަށެވެ.

އަޅުގަނޑު ގަބޫލު ކުރާގޮތުގައި، އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އެކުލަވާލާފައިވާ މައްސަލައެއް

ގާސިމް ވިދާޅުވީ ރައްޔިތުންގެ ވޯޓުން މަޖިލީހަށް އިންތިހާބުވެފައި ތިބި މެމްބަރުން ދިވެހި ގައުމުގެ މުސްތަގުބަލަށާއި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެހެންކަމުން ކެތްތެރިކަމާއި އެކު ގޮތެއް ނިންމައި، ދިވެހިންގެ ސަލާމަތާއި މެދު ވެސް ވިސްނަން ގާސިމް ގޮވާލި އެވެ.

ބިލާއި ދެކޮޅަށް އޭނާ ވާހަކަ ދެއްކީ، ގާސިމް ވިދާޅުވި ގޮތުގައި އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަށް ހިތަށް ނުގެނެވޭތީ ނޫނެވެ. އަދި ރާއްޖެ ނޫން އެހެން އިސްލާމީ ގައުމަށް އޮތް އިރު، މި މައުޟޫއުގައި ގާނޫނު ހަދާ މަޖިލީހެއްގައި ބަހުސް ކުރާ މިއީ ފުރަތަމަ ގައުމާއި މަޖިލީހަށްވުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ސަލާމަތުން ތިބެގެން ނޫނީ އެއްކަމެއް ވެސް ނުކުރެވޭނެ.. އެކަން ކުރުމަށްޓަކައި ހުރިހާ އޭނގަލަކުން ވެސް ވިސްނައި، ވަރަށް ކެތްތެރިކަމާ އެކު ފިޔަވަޅު އަޅަން ޖެހޭނީ

ގާސިމްގެ ވާހަކަ ނިމުމާއި އެކު ފުރުސަތަކަށް އެދި ރައްދު ދެއްވައި މީކާއިލް ވިދާޅުވީ، އެ ވިސްނުމަށް އޭނާ ހައިރާންވާކަމަށާއި ގާސިމަށް އޭނާގެ ނިޔަތް އެނގޭކަމަށް ބުނާއިރު މިދިޔަ މަޖިލީހުގައި ވެސް އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަސައްކަތްތައް ކުރެވުނު ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓާއި، އުފެއްދުން މަނާ ކުރުމަށް ގަރާރެއް ވެސް ފާސްކުރީ އޭނާގެ ވޯޓާ އެކުކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: