ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުވެސް ރައީސްގެ އަރިހަށް ޢިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.

