ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ 1،153 ދަރިވަރެއްގެ އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
2023 ވަނަ އަހަރު ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި 500 ޖާގައަށް، 1،709 އެޕްލިކޭޝަން ލިބިފައި ވެއެވެ. އަދި ޖުމްލަ 1،153 އެޕްލިކޭޝަން ލޯނަށް ޝަރުތު ހަމަވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮލިފައިވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ނިންމަވާފަ އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ޝަރުތު ހަމަވެ، ހޮވުނު ދަރިވަރުންތަކަށް ސްޕޮންސަރ ސިޓީ ޖޫން 13 ގައި ދޫކުރާނެ ކަމަށެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަދު އިއުލާނު ކުރީ ވަގުތީ ނަތީޖާއާއި އެކު، އެހެނިހެން ސްލޮޓުތަކަށް ހޮވުނު ދަރިވަރުންގެ ދާއިމީ ނަތީޖާ އެވެ. އަދި ޕައިލެޓް ލައިސެންސަށް ކުރިމަތިލީ ދަރިވަރުންގެ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގެ ވަކި ލިންކްއެއް (https://mohe.gov.mv/) މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އަދި އެހެނިހެން ސްލޮޓުތަކަށް ކުރިމަތިލީ ދަރިވަރުންގެ ނަތީޖާތައް މިނިސްޓްރީގެ މައި އެޑިއު ޕޯޓަލްއިން (https://myedu.egov.mv/) ފެންނާނެ އެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ކުދިންގެ ތެރެއިން މަދު އެޕްލިކޭޝަންއެއް ޑިސްކޮލިފައިވި އިރު، އޭގެ ސަބަބު ދަރިވަރުންނަށް އެނގޭނެހެން ބަޔާންކޮށްފައިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ދަރިވަރުންނަށް ނަތީޖާއާއި މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން، 14 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ދަރިވަރުން ޝަކުވާ ހުށަހެޅުމަށް އީމެއިލް ކުރަން ޖެހޭނީ، loan2024@mohe.gov.mv އަށެވެ.
މީގެއިތުރުން މިނިސްޓްރީން ބުނެފައި ވަނީ 2023 ވަނަ އަހަރު ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޫކޮށްފައިވުމުން ދަރިވަރުންނާ، ބެލެނިވެރިން އަދި ކަމާ ބެހޭ އިދާރާތަކުގެ ކަންބޮޑުވުމާ ޝަކުވާތައް ލިބުނު ކަމަށެވެ. އެ ދަރިވަރުންނަށް ދިމާވި އިތުރު ދަތިތަކުގެ ތެރޭގައި ޕްލޭސްމަންޓާއި، ވިސާ ލިބުމުގެ ގޮންޖެހުންތައް ކުރިމަތިވުމާ އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވައި ނިމި އެނބުރި އައުމުން ވަޒީފާ ނުލިބި ކަންބޮޑުވުންތައް އިތުރުވި ކަމަށެވެ.
މި ސަބަބުތަކަށް ބަލައި މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދޭން ހުޅުވާލީ 10 ފުރުސަތަށެވެ. ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 148 އެޕްލިކޭޝަން ޝަރުތު ހަމަވީ ނަމަވެސް ކުރިން އައި ޝަކުވާތައް ތަކުރާރުވުމުގެ ފުރުސަތު އޮތުމުން މިނިސްޓްރީން ނިންމާފައި ވަނީ ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިއުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށެވެ. އަދި މި ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުޠު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާއި ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނު ދޭ މަރުކަޒުތަކުގެ ކެޕޭސިޓީއަށް ރިއާޔަތް ކުރުމަށް ފަހުކަމަށް މިނިސްޓްރީން ބުންޏެވެ.

