ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެންމެ މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ޕާޓީގެ 19 އަހަރުގެ ތަޖުރިބާގެ އަލީގައި ފެށުމަށް ގައުމީ މަޖިލީހުގެ މެމްބަރުންނާއި މައުލޫމާތު ހިއްސާކޮށްފި އެވެ.
އެމްޑީޕީއިން ރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބަޔާނެއް ނެރެ އެމްޑީޕީއިން ބުނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައިވާކަމަށެވެ.
އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފައިކަމަށް ބުނިއެވެ. އަދި, ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ވަނީ ނިންމާފައިވާކަމަށް ބުނިއެވެ.
ރިޔާސީ އިންތިހާބު އަދި 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީ ލިބުނު ސަބަބު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ނިންމާފައިވާކަން ޕާޓީއިން އިއުލާންކުރީ މެއި މަހުގެ ކުރީކޮޅުއެވެ.
އޭރު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕާޓީއިން ބު ބަލިބި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވައިލަން ގައުމީ މަޖިލީހުން އެއްބަސްވެފައިވާކަމަށެވެ. ދެން ކުރިމަގު ބައްޓަން ކުރަން އެނގޭނީ ދެ އިންތިހާބުގައި އެހާ ބޮޑު ބައްޔަކުން ބަލިވި ސަބަބު ބަލަން ކުރާ ދިރާސާ އަށް ފަހުކަމަށް ބުނިއެވެ.
މިއީ ކެމްޕެއިން ކުރި ގޮތުގެ ނުވަތަ ލީޑާރޝިޕްގެ މައްސަލައެއްތޯ، ނުވަތަ ނަތީޖާ މިހެން ނިކުތީ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލަކުންތޯ ބަލަން ޖެހޭކަމަށްވެސް ބުނިއެވެ.

