މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބަޖެޓުން ފައިސާ ދިނުމުގެ އުސޫލުތަކަށް މަޝްވަރާ ކުރުމަށް އޮންލައިން މީޑިއާއާއި، ޓީވީތަކުގެ ސީނިއަރ އެޑިޓަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވާނެކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިން ތަމްރީނުވުމަށް ފުރުސަތު ފޯރުކޮށްދީ، މާލީ ގޮތުން މިނިވަންކަން ގާއިމު ކުރުމަށް މަސައްކަތްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ އެ ވައުދު ފުއްދުމުގެ ގޮތުން، މީޑިއާތަކުގެ އިސް ވެރިންނާއި ސީނިއަރ އެޑިޓަރުންގެ މަޝްވަރާ ހޯދުމަށް މިނިސްޓަރ ވަނީ ބައެއް ނޫސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.
ސޯޝަލް މީޑިއާގައި ޔޫތް މިނިސްޓްރީން އާންމު ކުރި ޕޯސްޓެއްގައި އަސްވާޑު ވިދާޅުވީ، އަބުރުވެރި މިނިވަން މީޑިއާއެއް އުފެއްދުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައެޅުމުގެ ކަންކަން ކުރިޔަށްދާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި މީޑިއާއަށް ވަކި އަދަދެއް ކަނޑައެޅުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަސްވާޑު ވިދާޅުވީ ބޭނުން ވަނީ ހިޔާލުތައް ހޯދައި މީޑިއާތަކުގެ ހުރި ކަންބޮޑުވުންތައް ވެސް އަޑުއެހުމަށް ކަމަށެވެ. އަދި މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅެންވީ ކޮން އުސޫލަކާއި، ހަމަތަކެއްތޯ ދެނެގަތުމުގެ މުހިންމުކަން އަސްވާޑު ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން ވާނީ ދައުލަތުގެ ބަޖެޓުން، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅައި ނިންމާފައި.. ދެން އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ މަސައްކަތް ކުރިން މީޑިއާތަކަށް… މާލީ އެހީތެރިކަން، ތަނަވަސްކަން ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަން.. އެހެން ނަމަވެސް އޭރު ބަޖެޓުގައި އެ ފައިސާ ޖަހާފައެއް ނެތް.. އަލުން އެ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާއިރުގަ މީޑިއާތަކާ އެކު މަޝްވަރާކޮށްލަން ބޭނުންވަނީ ކޮން ހަމަތަކެއް، އުސޫލުތަކެއްތޯ ގެންގުޅެންވީ މީޑިއާތަކަށް ފައިސާ ދިނުމުގަ.. އެކަން ކުރުމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ އެންމެ މުހިންމުކަމަކަށް ރާއްޖޭގެ އެންމެ ސީނިއާރ އެޑިޓަރުންނާ ބައްދަލު ކުރުމަށް.. އެއީ އޮންލައިނާ ޕްރިންޓު ހިމެނޭ ގޮތަށް.. މީގެ އިތުރުން ވެސް ޓީވީތަކުގެ އިސްވެރިންނާ ވެސް އަޅުގަނޑުމެން ބައްދަލު ކުރާނަން..
މިނިސްޓްރީން އެކަމަށް އުސޫލެއް މިހާރު ކަނޑައަޅާފައިވާއިރު، އަސްވާޑު ވިދާޅުވީ އޮންލައިންނާއި، ޕްރިންޓް އަދި ޓީވީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއަރ ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަސްވާޑު ވިދާޅުވީ ރާއްޖޭގެ މީޑީއާތަކަކީ މާލީ ގޮތުން މިނިވަން ވަކި ބައެއްގެ މުށު ތެރޭގައި ނެތި ނޫސްވެރިކަން ކުރެވޭނެ މިނިވަންކަން އޮތް ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
މިނިވަންކަން ޔަގީންކޮށްދީ ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައި ވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަސްވާޑް ވިދާޅުވީ ރައީސްކަމަށް ޑރ. މުއިއްޒު ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވެރިންނަށް ޔަގީންކަން ދެއްވައި ޒިންމާދާރުކަމާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރާނެ މިނިވަން މާހައުލު ރާއްޖޭގައި ގާއިމު ކޮށްދެއްވާނެ ކަމަށާއި އެ މަގަށް މަސައްކަތްތައް ބައްޓަން ކުރުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތަވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

