މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝައުރީ އައްޔަނުކޮށްފި އެވެ.
ކުޅިވަރުގެ ދާއިރާގެ ޓީޓީގެ އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ޝިއުރީ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކު ”އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮތް ޔޫތް“ ގެ ޕްރޮޖެކްޓް ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގަ އެވެ. އަދި މިހާރު ވެސް ދަނީ މޯލޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެގްޒެކެޓިވް ބޯޑު މެމްބަރުކަން ކުރައްވަމުންނެވެ.
ޝިއުރީ އެމްއެމްޕީއާރުސީއަށް އައްޔަނު ކުރިއިރު ހުންނެވީ، ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސަކަށެވެ. ޝިއުރީ ވަނީ ގައުމީ އިނާމުގެ އިތުރުން ޔޫތް އެވޯޑު ވެސް ހާސިލު ކުރައްވާފަ އެވެ.
ޝިއުރީ ވަނީ ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓުގެ މަގާމުގައި ވެސް ހުންނަވައި، މަޝްރޫއުތަކާއި ގުޅުން ހުރި ގިނަ މަސައްކަތައް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓާއި، ދަރަވަންދޫ އެއާޕޯޓު އަދި އިފުރުގެ އިތުރުން ކުޑަހުވަދޫއާއި، ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓު ފާހަގަކުރެވެ އެވެ.
މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޝިއުރީ ހިންގުގެ ދާއިރާގެ ގިނަ މަސައްކަތްތައް ކުރައްވާފައި ވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްއެމްޕީއާރުސީއަށް އެންމެ ފުރަތަމަ އައްޔަނު ކުރީ ފާތިމަތު ތައުފީގު (ކުޑީ) ނަމަވެސް ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކި ކުރީ މިދިޔަ މަހު އެވެ. ފާތިމަތު ތައުފީގު މަގާމުން ވަކި ކުރުމުގެ ކުރިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަންއަކަށް ހުންނެވި ނޫރައިން ޖަނާހު ވެސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން އަޑުތައް ފެތުރުނު ގޮތުގައި ނޫރައިން އިސްތިއުފާ ދެއްވީ، ފާތިމަތު ތައުފީގު ދެމެދު ޖެހުނު މައްސަލަތަކެއްގެ ތެރެއިންނާއި، އޭނައާއި ގުޅުން ހުރި ބައެއް މައްސަލަތައް ވެސް ފެންމަތި ކުރުމުންނެވެ.

