ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޖުމްލަ ބިލެއް؛ ޖޭއެސްސީއާއި، މަޖިލިސް މެމްބަރުން ލިމިޓު ކުރުން ހިމެނޭ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނާނީ އެކަމަށް ކުރަންޖެހޭ ދިރާސާތަކައި މަޝްވަރާތަކަށް ފަހު ދައުލަތް ހިންގުން ހަރުދަނާ ކުރުމުގެ ބަދަލުތަކާއި ގުޅޭ ޖުމްލަ ބިލެއްގެ ގޮތުގައިކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން، ނޫސްވެރިން ކުރި ސުވާލުގައި ކައިރިކައިރީގައި އެފަދަ މަސައްކަތްތައް ކުރުމަކީ ރަނގަޅު ޕްރެކްޓިސްއެއް ނޫންކަން ގާނޫނީ ދާއިރާގެ ބޭފުޅުންތައް ފާހަގަކުރާކަމަށް ބުނެފަ އެވެ. ޖަވާބުގައި އުޝާމް ވިދާޅުވީ ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ހުށަހަޅާނީ ޖުމްލަ ބިލެއް ކަމަށެވެ.

ނޫސްވެރިން އެ ނުކުތާ ނެގީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް ހުރިކަން ދެނެގަނެވިފައިވާކަމަށް އުޝާމް ވިދާޅުވުމުންނެވެ. އުޝާމް ވިދާޅުވީ ގޮތުން މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތައް ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި ހުރިހާ ބަދަލުތަކެއް ޖުމްލަކޮށް ހިމެނޭ އެއް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ. އަދި އެ ބިލު ހުށަހެޅުމުގެ ކުރިޔަށް އާންމުންގެ ހިޔާލު ހޯދައި، މުވައްސަސާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކާއި އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ދައިރާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގައި ކެޕެއް އެޅުވުން ނުވަތަ ހިފެހެއްޓުން ހިމެނެ އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުގެ ކޮމްޕޮޒިޝަން ބަދަލު ކުރުން ވެސް ހިމެނެ އެވެ. މިއާއި އެކު އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް، އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ވެސް އިސްލާހު ގެނައުން ހިމެނެ އެވެ.

މި އިސްލާހުތައް ގެނައުމުގެ ވިސްނުން ހުރި ގޮތާ ގުޅޭގޮތުން ސުވާލު ކުރިނަމަވެސް، އުޝާމް މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ އެއީ އިސްލާހު ގެންނަން ޖެހޭ ދައިރާތަކެއްކަމަށް ގަބޫލު ކުރެވޭކަމަށާއި އެކަމަކު ސީދާ އެއީ ކޮން ބަދަލުތަކެއްކަން ނިންމާނީ ކުރެވޭ މަޝްވަރާގެ މައްޗަށް ކަމަށެވެ. އަދި ބިލުތައް ޑްރާފްޓު ކުރުމުގެ މަސައްކަތް އެއްކޮށް ނުނިމޭއިރު، މި ބިލުތައް ހުށަހެޅޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފުރަތަމަ ދައުރައްކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި އަޅުގަނޑުމެން މި ދަނީ ދިރާސާތަކެއް ކުރަމުން.. ދެން މި ވަގުތު ޖޭއެސްސީއާ ގުޅޭގޮތުން ދަންނަވާކަށް ނޭނގޭ ހުށަހަޅާނެ ކޮމްޕޮޒިޝަނަކީ، މިވެނި ކޮމްޕޮޒިޝަނެކޭ.. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި މިދަނީ މަޝްވަރާ ކުރަމުން..

އުޝާމް ވިދާޅުވީ ތަކުރާރުކޮށް އާންމުން ވެސް ފާހަގަކުރަމުން ދަނީ، ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށެވެ. އެހެންކަމުން އެގޮތުގެ މަތީން އެ މަސައްކަތް ކުރެވޭނެކަން އުޝާމް ފާހަގަކުރި އެވެ. އަދި މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓު ކުރުން ގުޅިފައި ވަނީ ސިޔާސީ ޕާޓީތަކާކަމުން، އެ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެކަމަށް އުޝާމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، 2023 ވަނަ އަހަރުން ފެށިގެން 2028 ގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތު ކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތަފްސީލު ވަނީ ހިއްސާކޮށްފަ އެވެ.

މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް އެކުލެވެއެވެ. އެގޮތުން، މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޛުކުރުމަށް ތަޢާރަފުކުރަންޖެހޭ ބިލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ހިމެނެއެވެ.

އޭގެ އިތުރުން، އަލަށް އެކުލަވާލަން ޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކުގެ ބިލުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: