ލޭނު އަޅައިގެން ކަންނެލީގެ މަސްވެރިކަން ކުރުމާ ދެކޮޅު ހަދައި، މަސްވެރިން ކުރި މުޒާހަރާގައި ފުލުހުންގެ ލޯންޗެއްގައި ދޯންޏަކުން ޖެއްސި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މިފަދަ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭކަމަށާއި، އެ ދުވަހުގެ އިހުތިޖާޖުގައި ހިނގައިދިގަ ކަންކަން ބަލާނެ ކަމަށެވެ.
ހުޅުމާލޭގެ ސަރަހައްދުގައި ފެށުނު އެ އިހުތިޖާޖު، މާލެއަށް މިސްރާބު ޖެހީ ސަރުކާރުން މަސްވެރިންގެ ފައިސާ ނުދީ ކަންބޮޑުވުންތައް ވެސް އަޑުނާހާކަމަށް ބުނެ އެވެ. މަސްވެރިން އެއް ނަމްބަރު ފާލަން ކައިރިން ފަޅުތެރެއަށް ވަނުމަށް މަސައްކަތް ކުރުމުން ފުލުހުންނާއި ސިފައިންގެ ލޯންޗުތަކުން އެ ސަރަހައްދަށް ވަނުން ހުއްޓުވުމަށް މަސައްކަތް ކުރި އެވެ.
ފުލުހުންގެ ލޯންޗެއްގައި މަސްދޯންޏަކުން އެވަގުތު ޖައްސައި، ކުރިޔަށް ދަތުރު ކުރިއިރު ލޯންޗުގައި ތިބި ފުލުހުން ދޯނި މަޑުކުރުމަށް ގޮވާ މަންޒަރު ފެންނަ ވީޑއޯތަކެއް ދަނީ ދައުރުވަމުންނެވެ.
ބޮޑު ކަންނެލި މަސްވެރިން ކުރި މުޒާހަރާ ނިންމާލާފައި ވަނީ، މަސްވެރިންނަށް ވިއްކާ ތެޔޮ އެއްގަމުން ލިބޭ އަގާ އެއްހަމަކޮށްދޭނެކަމަށް ސަރުކާރުން އިއުލާނު ކުރުމުންނެވެ. އަދި އެ ދުވަހުގެ މުޒާހަރާ ސަރަހައްދަށް ވަޑައިގެން ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވެސް މަސްވެރިންނާ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެއްވި އެވެ.

