މާލެސިޓީ ހިދުމަތްތައް އެއް ތަނަކުން ލިބޭނެގޮތް ހަަދައިދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޙަބަރަށްފަހު ޕްރޮގުރާމްގައި މޭޔަރ ވިދާޅުވީ، މުޅި ސިޓީ ކައުންސިލްގެ ޙިދުމަތް އެއް ތަނަކުން ލިބޭނެގޮތް ހަަދައިދިނުމަކީ އަމާޒެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީއަކީ ”އެޑްމިނިސްޓްރޭޓިވްލީ “ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިގެންދާނެ ތަނެއްކަމަށެވެ. އަދި އެހެން ނަމަވެސް މިހާރު އޮތް ޙާލަތުންނަމަ ޙިދުމަތެއް ހޯދަންދާންޖެހޭ ތަނެއް ނޫނީ ސިޓީއެއް ލާންޖެހިވަޑާއިގަންނަވާ ތަނެއް އެއްވެސް ބޭފުޅަކަށް ސާފު ނުވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ވިދާޅުވީ، މިކަން މިހެން ދިމާވުމަށް މެދުވެރިވާ ސަބަބަކީ މާލެ ސިޓީގެ ގިނަ އަދަދެއްގެ ތަންތަން މާލެގެ އެކި ސަރަހައްދުގައި ހުރުން ކަމަށެވެ.
“ އޭގެ މާނައަކީ އަޅުގަނޑު މި އިންނަނީ ވަކި ތަނެއްގައި، ކައުންސިލްގެ އެންމެ އިސްމީހާ ވަކިތަނެއްގައި، ދެން ހުރިހާ ތަނެއްް އެކި ތަންތަނަށް ބެހިފައި“ މޭޔަރ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދޭން ބޭނުންވާ ޙިދުމަތް އެންމެ ރަނގަޅު ގޮތުގައި ނުދެވޭ ކަމަށާއި އަދި މާލެ ސިޓީގައި ކަމެއް ކުރަން ޖެހިއްޖެނަމަ ވަރަށް ވަގުތައް ގެއްލިގެންދާ ގޮތަކަށް ކަންކަން ރޭވިފައިވާ ކަމަށް އާޒިމް ވަނީ ފާހަގަކޮށްފައެވެ.
“ އިމާރާތްކުރުމާއި ބެހޭ ކަންތައްތައް އެހެންތާކަށް، ކޮންސްޓަކްޝަން މަސައްކަތް ކުރާއިރު ޙިދުމަތް ހޯދުމަށް އެހެންތާކަށް، ސިޓީއެއްލާން ދާންޖެހެނީ ގެއެއްގެ އެޕާޓްމެންޓަށް، ފައިސާގެ އެއްޗެއް ހޯދުމަށް ގެއެއްގެ އެޕާޓްމެންޓަށް، މިކަހަލަ ގޮތަކަށް މިތަން ހިނގަނީ. އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ، އެކި ސަބަބުތަކާއި ހުރެ ކުރީގެ މޭޔަރުުންވެސް މާލެ ސިޓީ ކައުންސިލް އެއް ތަނަކަށް ބަދަލު ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވައިފައި އެބަހުރި ކަމަށާއި ނަމަވެސް އެކި ކަހަލަ ސީޔާސީ ކަންތައްތަކުގެ ސަބަބަުން މިކަން ހާސިލްނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެމަނިކުފާނުގެ އަމާޒަކީ އެއްވެސް ކޯޅުމެއްނެތި މަސައްކަތް ކުރެއްވުނަ ކަމަށާއި، އަދި ރައްޔިތުންނަށް އެފަދަ މަންޒަރެއް އެމަނިކުފާނުގެ ފަރާތްޕުޅުން ނުފެއްނަވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ، މިހާރު މާލެ ސިޓީ ކައުންސިލްގެ ހުރިހާ ތަނެއް އެއްތަނަކަށް ގެންނަށް މަސައްކަތް ތަކެއްް ކުރަން ފަށައިފައިވާ ކަމަށާއި 8 ނުވަތަ 12 މަސް ތެރޭ މާލެ ސިޓީ އެއް އިމާރާތަކަށް ބަދަލުކޮށް، މާލެ ސިޓީގެ އޮފީސް މާލެއަށް ހޯދަވައި ދެއްވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

