ބަންޑާރަ ނައިބު އަހްމަދު އުޝާމް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 213 ބިލެއް ހުށަހަޅުއްވަން މިއުޅުއްވަނީ ދިވެހި ރާއްޖެ އަލުން އުފަންވީތޯ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް ސުވާލު އުފައްދަވައިފިއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޝަހީމް ވިދާޅުވީ މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްތުކުރައްވާ ބިލުތަކާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމާއި އެކު ރާއްޖޭގެ ޤާނޫންތައް ބަދަލު ކުރައްވަން އުޅުއްވަނީ ކީއްވެގެން ތޯ ޝަހީމް ސުވާލު އުފެއްދި އެވެ. އަދި ރައީސް މުއިއްޒު ވިދާޅުވި ސަތޭކައަށް ވުރެ ގިނަ އިސްލާހުތަކެއް ހުށަހަޅައި، ބައެއް ގާނޫނުތައް އުވާލުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވެއްޖެ މިއުޅެނީ 213 ބިލެއް މަޖިލީހަށް ހުށަހަޅަން ކަމަށް. މިއުޅެނީ ކީއްކުރައްވަންތޯ؟ މިއުޅެނީ ދިވެހިރާއްޖެ އަލަށް އުފަންވެގެންތޯ؟ ދިވެހިރާއްޖޭގެ ހުރިހާ ޑޮކިއުމެންޓެއް ގެއްލުނީތޯ؟ ރައީސް މުއިއްޒުއަށް ވެރިކަން ލިބުމާއި އެކު ޤާނޫންތަކެއް ހަދަން މިއުޅެނީ ކީއްކުރައްވަންތޯ. ކޮބައިތޯ ބޭނުމަކީ؟
ޝަހީމްވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ހާސިލުކޮށްފައިވާ ނަތީޖާގެ މައްޗަށް އަލިއަޅުއްވާފައެވެ. ޝަހީމް ވިދާޅުވީ 12 މެމްބަރުން ވިޔަސް އެމްޑީޕީ ތަމްސީލު ކުރުމަށް މަޖިލީހުގައި ތިބުމަކީ ލިބޭ ކާމިޔާބެއްކަމަށެވެ.އަދި ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ހަރަކާތްތެރިވަމުން ދާއިރު މިފަހަރުވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރުމަށް މެމްބަރުން ތިއްބެވުމަކީ ކާމިޔާބީއެއްކަމަށާއި އެކަމަކީ ނާކާމިޔާބެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން ތިއްބަވައެވެ.

