ދ. ކުޑަހުވަދޫގެ ބޮޑު އީދުގެ ޙަރަކާތްތަކުގެ ތެރެއިން ފަލަސްތީންގެ ރައްޔިތުންގެ ހައްގުގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
މި ހިނގާލުމުގެ ތެރެއިން ފަލަސްތީންގެ ރައްޔިތުންނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 4:30 ގައެވެ. ކުޑަހުވަދޫގެ އީދުގެ ޙަރަކާތުން ފާހަގަކޮށްލެވޭ އެއްކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހަދިޔާކުރާ ފޮއްޓެއް އީދުގެ ފުރަތަމަ ދުވަހުވެސް ބެހެއްޓިގެން ދިއުމެވެ.
އެ ރަށުގެ ކައުންސިލުންވަނީ ހިނގާލުމުގެ ޙަރަކާތް ކުރިއަށް ދާއިރު ރަށުގެ ހުރިހާ ރައްޔިތުންނާއި އަދި ޢީދުގެ މުނާސަބަތުގައި އެ ރަށަށް ޒިޔާރަތްކުރާ އެންމެހާ ރައްޔިތުން އެ ޙަރަކާތުގައި ބައިވެރިވެލެއްވުމަށް އެދިފައެވެ. މި ހިނގާ ލުމަކީ ރާއްޖޭގެ ރަށެއްގައި ފަލަސްތީނުގެ ހައްގުގައި ބާއްވާނެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށް އެ ރަށުގެ ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.
އެ ރަށުގެ ކައުންސިލުން ވިދާޅުވި ގޮތުގައި ފަލަސްތިނުގެ ހައްޤުގައި ހިނގާލުމެއް ބޭވުމުގެ އެންމެ ބޮޑު މަޤުސަދަކީ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ތެރޭގައިވެސް ފަލަސްތީނުގެ ރައްޔިތުންނާއެކީ ރައްޔިތުން ތިބިކަން އަންގައި ދިނުމެވެ. ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެއް ޤައުމެވެ. މިގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ފަލަސްޠީނަށް އެހީވުމަށް ހުރިހާ މީޑިއާތައް ގުޅިގެން ޚާއްސަ ޓެލެތޯންގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓެލެތޯން ކުރިއަށްގެންދިޔަ އިޖުތިމާޢީ ބޮޑު ހަރަކާތެކެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކުގައި ކުށެއްނެތް އެތައްބަޔަކު ޝަހީދުވެ ގިނައަދަދެއްގެ މީހުން ހާލުގައިޖެހެމުންދާއިރު ދިވެހީން ދަނީ ފަލަސްޠީނަށް އެހީވުމުގައި ނަމޫނާ ދައްކަމުންނެވެ.

