ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީއިން ކުރި ޢިޢުލާނުގައި ވަނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ސަރަޙައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ވަނީ ބުނެފައެވެ. ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ރަތް ކުލައިން ފާހަގަވާނޭ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ ބުނެފައެވެ. 
އެޗްޑީސީއިން ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވަމުންދާތީ އާއި އަދި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަޙައްދުގެ ފަޅުތެރޭގައި އަދި އުތުރުގައިވާ ކަނޑު އުޅަނދުތައް 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން ނެގުމަށެވެ. އަދި 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމުގައި ވަނީ ދަންނަވާފައެވެ.
ހުޅުމާލެލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ މަޝްރޫޢެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

