އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 56 ވަނަ ބައްދަލުވުމުގައި ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކެއްގެ ސެޝަންތަކުގައި ބައިވެރިވެ ސްޓޭޓްމަންޓް ހުށައަޅާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މީގެއިތުރުން ރާއްޖޭގެ ފަންނީ އިސް ބޭފުޅުންގެ ޓީމެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުން 18 ޖޫން ގައި ފެށިފައިވާއިރު 12 ޖުލައި 2024 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާއި އެއްގޮތަށް ރާއްޖޭގެ ވަފުދުން ޤައުމީ ބަޔާންތައް އެޖެންޑާގެ ބައެއް ދަށުން ކަމަށެވެ. އެގޮތުން ޖެނީވާގައި ހުންނަ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ގެ ގްރޫޕެއްގެ ފަރާތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ޓެކްނިކަލް އެސިސްޓެންސް އެންޑް ކެޕޭސިޓީ ބިލްޑިންގްގެ އަހަރީ ޕެނަލަށް ރާއްޖެއިން ސްޓޭޓްމަންޓެއް ދެއްވާނެކަމަށެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުތަކުގެ މަސައްކަތްތައް ތަމްސީލުކުރުމުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

