އައްޑޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން ދަނީ ގާތުން އަޑުއަހަމުންކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދާތީ، އިހުތިޖާޖުތަކެއް ފެށިފައިވާތީ ދުވަސްތައްކެއް ވަނީވެފަ އެވެ. އަދި އެންމެ ފަހުން ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދޫކޮށްފައި ވަނީ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ދިނުމަށް ގޮވާލައި އެކަމަށް އަޑުއެފުލުމުންނެވެ.
މި ސަރުކާރުގެ ރިޔާސީ ވައުދަކީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުން ނަމަވެސް ގަވައިދުން ފައިސާ ޖަމާކޮށް ނުދޭކަމަށް މަސް ދޯނިތަކުން ބުނެ އެވެ. އަދި ކުރީ ސަރުކާރުން ވާރުތަވެގެން އައި އަދަދުތަކާއި އެކު ބެކްލޮގު ކްލިއާ ކުރި ފަހުން އަނެއްކާވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިލިއަނުން މައްޗަށް އަރަ އެވެ.
އައްޑޫގެ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ލިބޭނެ ތާރީހަކާއި ގުޅޭ ޖަވާބެއް ދިނުމަށް ގޮވާލަމުން ދާތީ ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ސަރަހައްދުގައި ކުރާ އިހުތިޖާޖުގެ ކުރިން ވެސް އަދި މިހާރު ވެސް ސަރުކާރުން ދަނީ އެ އަޑުތައް އަހަމުންކަމަށެވެ. އަދި އެކަމުގައި މިފްކޯއާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް ހިއްސާ ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވި އެވެ.
އައްޑޫގައި މުޒާހަރާ ކުރާ މަސްވެރިން އެދިފައި ވަނީ، ފައިސާ ދެވޭނެ ތާރީހެއް ސަރުކާރުން އެންގުމަށެވެ. އަދި މަހަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ވެސް ފާހަގަކުރި އެވެ.

