ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ 1 ގައި ހިންގި މާރާމާރީއަކަށް ފުލުހުން ހާޒިރުވުމުން، އެތަނުގައި ތިބި ބަޔަކު ވަނީ ފިލަން މަސައްކަތްކޮށް ފުލުސް އޮފިސަރެއްގެ ގައިގައި ކާރަކުން ޖައްސާފަ އެވެ.
އެ ހާދިސާގެ މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މާރާމާރީގެ ރިޕޯޓު ލިބުނު ފުލުހުން ކުށް ހިންގިތަނަށް ދިޔައިރު ވެސް އެތަނުގައި އެކަމުގައި ބައިވެރިވި މީހުން ތިބި ކަމަށެވެ.
ފުލުހުން ފެނި އެ ސަރަހައްދުން ފިލި މީހާއަކީ ކާރުން އޮފިސަރުގެ ގައިގަ ޖެއްސި މީހާ އެވެ. ފުލުހުން ބުނީ ކާރުގެ ކުރިމައްޗަށް ފުލުސް އޮފިސަރު އަރައި މަޑުކުރަން އެންގުމުން، އޭނާ މަސައްކަތް ކުރީ ފުލުސް މީހާގެ ފައި މައްޗަށް ކާރު އަރުވައި ދިއުމަށްކަމަށެވެ.
މާރާމާރީގެ އެ މައްސަލައިގައި އެ ދުވަހު ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އަދި ދެވަނަ މީހާއަކީ، ކާރުން ޖެއްސުމަށް ފަހު ފިލައިގެން ދިޔަ މީހާ އެވެ. އޭނާ އަދިވެސް ހޯދާ ނުފެނިފައިވާކަމަށް މީޑިއާއަކުން ކުރި ރިޕޯޓަށް ޝިފާން ވިދާޅުވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

