ނޯތުކޮރެއާގެ ފަރާތުން ނުރައްކާތައް ކުރަމަތިވުމުގެ ފުރުސަތު ބޮޑުވަމުންދިއުމާއިއެކު ނިއުކްލިއާ ގާބިލުކަން ހުރި އެމެރިކާގެ މަނަވަރަކާއި އެހެން އިތުރު އެފަދަ އުޅަނދުތަކެއް ސައުތުކޮރެއާގައި ބަނދަރުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ސައުތުކޮރެއާގެ ހިމާޔަތުގައި ނުކުމެ މަސައްކަތްތައް ކުރަމަށްޓަކައި އެ ގައުމަށް ގޮސްފައިވަނީ ޔޫއެސްއެސް ތިއަޑޯ ރޫސަވެލްޓްއެވެ. އަދި މިހާރު މި އުޅަނދުވަނީ ބޫސާންގައި ހުންނަ ނޭވަލް ބޭސްއެއްގައި ބަނދަރުކޮށްފައިކަމަށް ބުނެފައިވާއިރު، މިއީ ރަޝިއާ އާއި ނޯތުކޮރެއާ ގުޅިގެން އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވުމާއިއެކު އިތުރުވަމުންދާ ނޯތުކޮރެއާގެ ނުރައްކާތަކުން ރައްކައުތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
ނިއުކްލިއަރ ޕަވާޑް އެއަރކްރާފްޓް ކެރިއަރެއްގެ އިތުރުން ކޮމްޕިއުޓަރ އަދި ރާޑަރުތަކުގެ ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ގާބިލުކަން ހުރި އުޅަނދެއްކަމަށްވާ ޔޫއެސްއެސް ހޯލްސީ އާއި ޑެނިއެލް އިނޮޔޭވެސް ބޫސާންގައި ބަނދަރުކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި މިއީ ވޭތުވެދިޔަ 7 މަސް ތެރޭގައި ފުރަތަމަ ފަހަރަށް މިފަދަ އުޅަނދެއް އައިސްފައިވާ ފަހަރުކަމަށް ބުނެފައިވާއިރު، ޔޫއެސްއެސް ތިއަޑޯރ ރޫސަވެލްޓަކީ އެމެރިކާ ސައުތުކޮރެއާ އާއި ޖަޕާނު ގުޅިގެން ހިންގި އަސްކަރީ ތަމްރީނުތަކުގައި ގެންގުޅެފައިވާ އުޅަނދެއްކަމަށް ފާހަގަކުރެއެވެ.
ހަނގުރާމައިގެ ހާލަތާއި ގާތްވަމުންދާކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން ދެމުންދާއިރު، މި އުޅަނދު ނިސްބަަތްވާ ކެރިއާ ސްޓްރައިކް ގުރޫޕުގެ އެންމެ އިސްވެރިޔާވނީ މިއީ އާދައިގެ މަތިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ބުނެފައެވެ. އަދި މި ހަރަކާތަކީ ނޯތުކޮރެއާ އާއި ރަޝިއާއަށް މެސެޖެއް ދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

