ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ހިދުމަތް ދޭ އެނދުގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ރާއްޖެ އިތުރު މާކެޓުތަކަށް ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ފަތުރުވެރިކަން ނެތް ހިސާބުތަކަށް ދާއިރާ ފުޅާކުރުމަށް ކުރަމުން ގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އިންވެސްޓު ކުރާ ފަރާތްތަކަށް ލުއި ދިނުން ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރަމުންދާއިރު، ކަމާއި ގުޅުން ހުރި ސްޓޭކްހޯލްޑަރުންނާއި އެކު ބައްދަލުވުންތައް ކުރިޔަށް ދާނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ރަށްތަކަށް ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް، މޯލްޑިވިއަންގެ ދައުރު ވެސް ފުޅާކުރާނެކަމަށެވެ. އެގޮތުން އެ ހުށަހެޅުން، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އިކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލިބޭތޯ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ.
އަތޮޅު ތެރެއަށް ފަތުރުވެރިކަން މިހާރަށް ވުރެ ފުޅާ ކުރުމަށް ފައިސަލް ވިދާޅުވި ގޮތުގައި، 4000 އާއި 6000 ދެމެދުގެ އަދަދަކަށް ހިދުމަތް ދޭ އެނދު ބޭނުންވާނެ އެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމްގެ ތެރެއިން 2000 އެނދު އުފައްދައި، އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކޮށް ޑައިރެކްޓު ފްލައިޓުތައް ދަތުރު ކުރާ ގޮތަށް ބަދަލު ގެނައުން މުހިންމުކަމަށް ފައިސަލް ވިދަޅުވި އެވެ.
ފައިސަލް ވިދާޅުވީ ރަނގަޅަށް ޕްލޭންކޮށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވިއަންއަކީ ވެސް ފައިދާބާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

