ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމުގެ މަސައްކަތްތަކެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން މަސައްކަތްތަކެއް ފަށައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައާއި މަސައްކަތް ކުރުމުގައްޔާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލު ކުރާ ގޮތުގެ ގަވާއިދު ގެޒެޓު ކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން އިންޓަރންޝިޕްގެ ފުރުޞަތުތައް ފަހިކުރެވި ވަޒީފާގެ މާހައުލުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ވަޒީފާ ދޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި މުޖުތަމަޢުގައި ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން އަހުލުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަރުމާކުރެވިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓްސް އެންޑް ސްޕާ އާއިއެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިވެ، މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ. މިގޮތުން ދެ ފަރާތެއް މިހާރު މި އިންޓަރންޝިޕްގެ ދަށުން މި މަހުގެ ތެރޭގައި ވަޒީފާއަށް އައްޔަންކުރެވިގެން ދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުޞަތު ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ މި ވުޒާރާއާ ދެމެދުވެސް ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން، ވަޒީފާ ދޭ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެއެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދާއިމީ ވަޒީފާތަކުގެ ފުރުޞަތުތައް ފަހިވެ، މަސައްކަތުގެ މާޙައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މި ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއަރ ސޮސައިޓީގެ ފަރާތުން، މި ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދޭނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުޞަތުތައް ހޯދައިދިނުމަށް އަމިއްލަ ކުންފުނިތަކާއި ފިހާރަތަކާއެކުވެސް ގިނަ މަޝްވަރާތަކެއް ކުރަމުން ދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ތަނުގައިވެސް އެ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: