ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާތީ ލޮޓް ތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުވުމަށް ހައުސިން ޑެޕެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ގަވައިދާ ހިލާފަށް ހަދާފައިވާ ހަޓްތައް މިހާރު ނަގާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ހަޓްތައް ނެގިފަހުންވެސް އެ ސަރަހައްދުގެ އާންމު ފަރާތްތަކުގެ ލޮޓް ތަކުގެ ތެރޭގައި ވިޔަފާރި ކުރާކަމަށް ފާހަގަވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެހެންކަމުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރުމަކީ މަނާކަމެެއްކަމަށް ވުމުން ލޮޓް ތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މެއި މަހުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީ ކުރުން ރޭވިފައި ވާތީ، އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އެޗްޑީސީން ވަނީ އަންގާފައެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން އެ ތަނުގައި އަމިއްލަ ފަރާތްތަކުން ހަޓްތަކެއް ހަދާފައިވަނީ ވިޔަފާރި ބޭނުމުގައި ނަމަވެސް އެތަނަކީ ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ތަނެއްކަމަށްވުމުން ވަސީލަތްތައް ގާއިމުވެފައިނުވާމަށްވުމުން ބައެއް ދަތިތައް ކުރިމަތިވާކަމަށެވެ. އެހެންކަމުން އެ ކުންފުނިންދަނީ އެ ސަރަަހައްދު ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންކަމަށާއި ތަރައްގީކޮށް ނިމުމުން ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިއަށް އަލުން ހުޅުވާލާނެކަމަށްވެސް ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށްވެސް އެޗްޑީސީއިން ބުނެފައިވާއިރު މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

