ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ވަރަކަށް ފައިސާ ޗާޕުކޮށްގެން ބޭނުންކޮށްފައިނުވާނެކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރުވަނީ މި ސަރުކާރުން ފައިސާ ޗާޕުކޮށްގެން ބޭނުންކުރަމުންދާކަމުގެ ތުހުމަތުތަކާއި ގުޅޭގޮތުން ޖަވާބުދާރީ ވެވަޑައިގެންފައެވެ.
މިނިސްޓަރ ޝަފީގު ވިދާޅުވީ، މާލިއްޔާތުގެ ގާނޫނު ސަސްޕެންޑު ކުރުމަށް ފަހު އެކަން ކުރަން ޖާގަ އެއް ލިބިފައި އޮތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރުވެސް ކުރީގެ ސަރުކާރުންވަނީ ނެގެން އޮތް އެންމެ ބޮޑު އަދަދެއް ނަގާފައިކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ޝަފީގު ވިދާޅުވީ، ގާތް ގަނޑަކަށް 2 ބިލިއަނާއި ހަމައަށް ނަގާފައިވާކަމަށެވެ. އަދި ކޭޝް އިންފްލޯ އައުޓް ފްލޯއަށް ބެލުމުން ސީދާ 2 ބިލިއަން ނުވި ނަމަވެސް ހަގީގަތަކީ އެންމެ މައްޗަށް ނެގެން އޮތް މިންގަނޑަކަށް އޭރު ނަގާފައިވާކަން ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެދުވަހުގެ 29 ވަނަ ދުވަހުގެ ސެކިއުރިޓައިޒްކޮށް އެހިސާބުން ނިމުނީކަމަށާއި މި ސަރުކާރުން އިތުރަކަށް އޯވާޑްރޯކޮށްފައިނުވާނެކަމަށެވެ. އަދި މިހާ ހިސާބަށް ގާނޫނީގޮތުން ލިބިދީފައިވާ 1 ޕަސެންޓުވެސް ނަގާފައިނުވާނެކަމަށްވެސް ހިއްސާކުރެއްވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މާލީ އިސްލާހުތައް ހުށައެޅިފައިވާއިރު، ބައެއް ކަންކަން ފާހަގަކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންވަނީ މި އަދަދު 0 ގައި ބެހެެއްޓުމަށްކަމަށާއި ހުއްދަކޮށްފައިވަނީ 1 ޕަސެންޓުކަމަށްވާއިރު، އިސްލާހުގައި ވާނީ 2.5 އިންސައްތަކަމަށް ބަޔާންކޮށްފައިކަމަށް އަލިއެޅުއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެއީ އޯވާ ޑްރޯ ކުރުން ނޫންކަމަށާއި އެއީ ބޭނުންވެއްޖެ ހާލަތެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު އިންނަ އެއް އިންސައްތައިން ލިބެނީ 270 މިލިއަންކަމަށާއި އެއީ ހަގީގަތުގައި ވަރަށް ކުޑަ އަދަދެއްކަމަށެވެ. އަދި 2.5 ޖެހުމުން ފަންސާސް މިލިއަން ޑޮލަރު ނުވަތަަ 800 މިލިއަން ވަރަކަށް ރުފިޔާ ނެގުމަށް ފަހިވާނެކަމަށްވުމުން އެ ބޭނުންކޮށްގެން މަދުން އާމްދަނީ ލިބޭ މަސްތަކުގައި ވަގުތީގޮތުން ހައްލެއް ގެނައުމުގެ ފުރުސަތު އޮންނަކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެ ފައިސާ އަކީ ތިން މަސް ދުވަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށާއި ކޮންމެ މަހަކު ވަކި ވަރެއް އެކަމަށް އެއް ފަރާތްކޮށްގެން އަނބުރާ ދެއްކުމަށް ފުރުސަަތު ލިބޭކަމަށެވެ. އަދި އެގޮތަށް ހިމަނާފައިވަނީ ގާނޫނަކީ ކޮންމެ ދުވަހަކު ބަދަލުކޮށް ހެދުމަށް ފުރުސަތު ލިބޭ އެއްޗަކަށް ނުވާކަމަށްވުމުން ކަމަށްވެސް ވިދާޅުވިުއެވެ.
މިނިސްޓަރ ވިދާޅުވީ، އެކަން ކޮށްފައިވަނީ ލަފާއާއި އެއްގޮތަށްކަމަށެވެ. އެހެންނަމަވެސް މަޖިލީހުން އެކަމަށް ގެނައުމަށް ބޭނުންވާ އިސްލާހު ހުށެޅުއްވުމަށްވެސް ދަންނަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެކަން ކޮށްފައިވަނީ އިތުރަށް ފައިސާ ޗާޕުކުރުމުގެ ނިޔަތުގައި ނޫންކަމަށާއި ވަގުތީ ގޮތުން ދިމާ ވާ ކަންކަން ހައްލުކުރުމުގެ ނިޔަތުގައިމަށްވެސް ވިދާޅުވިއެވެ.

