މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެތެރެއިން 52 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން ބުނީ އޮޑިވެރިންގެ އަތުން ގަނެފައިވާ ކަޅުބިލަމަހަށް ނުދައްކާވާ ފައިސާ މިއަދު ދެއްުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި 52 މިލިއަން ރުފިޔާ މިއަދު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް މިފްކޯއިން މީޑިއާތަކަށް ބުންޏެވެ. މެސެޖުގައި ބުނީ ސަރުކާރުން އެ މަސައްކަތް ކުރަމުންދާއިރު އަދި ސީދާ އެ ފައިސާ މިއަދު ދޫކުރުމަށް ނިންމާފައިވާ ކަމުގެ ޔަގީންކަން މިފްކޯއަށް ނުލިބޭ ކަމަށެވެ.
އައްޑޫގެ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ލިބޭނެ ތާރީހަކާއި ގުޅޭ ޖަވާބެއް ދިނުމަށް ގޮވާލަމުންދާއިރު، އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން ވަރަށް ގާތުން އެ އަޑުތައް އަހަމުން ދާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މިފްކޯގެ ހުރި ގޯސްތައް ވެސް ރަނގަޅު ކުރުން ކަމަށެވެ. މިފްކޯގެ މާލީ ހާލަތު ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ގައުމުގެ މާލީ ހާލަތު މިސް މެނޭޖު ކުރުމުގެ ސަބަބުން، ޖީޑީޕީއާއި އުފެއްދުންތެރިކަމުގެ ނިސްބަތަށް އަސަރުކޮށް ރައީސް މުއިއްޒަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ އަދަދުތަކެއްކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާ ގޮތް އެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ، މިފްކޯއަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ.

