ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަޔަރ ސްޓޭޝަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުޅުވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ފަޔަރ ފައިޓަރުން ކުރަމުންދަނީ ޤައުމީ ޙިދުމަތެއް ކަމަށާއި އެ ކޮށްދެއްވައި ޙިދުމަތްތަކަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ވަނީ ފާހަގަކޮށްދެއްވައިފައެވެ.
ވީއައިއޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް )ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ބައިވެރިވަޑައިގެންފައެވެ. ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ފައްޓަވައިފައިވަނީ އެމްއޭސީއެލްގެ ކުރީގެ ފަޔާ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ހާއްސަ ސުކޫތަކަށް ފަހުގައެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ ވީއައިއޭގެ ތަރައްގީއަށް ސަރުކާރުން ދޭ ހާއްސަ ސަމާލު ކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި ފަޔާ ފައިޓަރުން ޓީމްގެ ގާބިލްކަމާއި އަލަށް ހުޅުވި ފަޔާ ސްޓޭޝަނާ އެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ، ވީއައިއޭއަކީ މި ސަރަޙައްދުގައި ވެސް އަންހެން ފަޔަރ ފައިޓަރުން ހިދުމަތާއި ގުޅުނު ފުރަތަމަ އެއާޕޯޓު ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ، ވީއައިއޭއަކީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ މުހިންމު އިންޑަސްޓްރީ ކަމަށްވާއިރު އެމްއޭސީއެލުން މަސައްކަތް ކުރަމުންދަނީ ޓޫރިޒަމް އިންޑަސްޓްރީއާ ފައިހަމަ ކުރެވޭ ފެންވަރުގެ ހިދުމަތެއްދޭ ތަނަކަށް ހެދުމަށް ކަމަށެވެ.
ވީއައިއޭގެ އާ ފަޔަރ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއާޕޯޓް ފަޔަރ ރެސްކިއުގެ ކެޓަގަރީ ނުވައެއްގެ އެއާޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުޅުވިގެންދިޔަ ސްޓޭޝަނެކެވެ. ވީއައިއޭގެ ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫއުގެ ދަށުން މިހާތަނަށް އާ ކޯޑް-އެފް ރަންވޭ އަކާއި އާ ސީޕްލޭން ޓާމިނަލް އެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި އައު ކާގޯ ޓާމިނަލަކާއި އައު ވީއައިޕީ/ސީއައިޕީ ޓާމިނަލަކާއި އައު ފިޔުލް ފާމެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

ވީއައިއޭގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުންވެސް ވަނީ ބައިވެރި ވަޑައިގެންފައެވެ.

