އޮފީސްތައް އެޅުމަށް މިދިޔަ އަހަރުގެ ބަޖެޓުން ފާސްކުރި 2 ލައްކަ ރުފިޔާ ބިލު، މިއަހަރުގެ ބެޖެޓުގައިވެސް ހިމަނައިފައިވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން، ހިލްމީ ވިދާޅުވީ، ބޮޑެތި އޮފީސްތައް އަޅަން މިދިޔަ އަހަރުގެ ބަޖެޓް ފާސްކުރި 2 ލައްކަ ރުފިޔާ މި އަހަރުގެ ބަޖެޓުގައިވެސް ހިމަނައިފައިވާކަމަށާއި ނަމަވެސް އެއަދަދުން އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ފިސްކަލް ބިލުގެ ސަބަބުން އެފަދަ ކަންކަން ހުއްޓިގެންދާނެ ކަމަށާއި އެކަމުގެ ނަތިއްޖާ އަކަށްވެގެންދާނީ ރަނގަޅު އަދަދުގެ ބިލް ތަކެއް ކަނޑައެޅި، މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ދިއުން ކަމަށް ހިލްމީ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ހިލްމީ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު، ކޮމަންޑޫ ދާއިރާއާއި ގުރައިދޫ ދާއިރާގެ އިންތިޙާބާއި ގުޅިގެން ބަޖެޓުގައި ހިމަނައިފައި ނުވާ ޙަރަދު ތަކެއްވަނީ ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް ބަޖެޓުގައި ހިމަނައިފައިވާ ނުވާ ކަންކަން އިންތިޙާބުތަކާއި ދިމާކޮށް ކުރުމަކީ އެއްވެސް ވަރަކަށް ބަލައި ގަންނަ އަމަލެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް އޮންނަ ހަމަތަކާއި އުސޫލުގެ މަތިން މަސައްކަތް ކުރެވެންޖެހޭކަމަށް ވިދާޅުވި އެވެ.
ވަކި ކަމަކަށް ވަކި ކަމެއް ކަނޑައަޅައިފައި ވަނިކޮށް ، އެއަށްވުރެން މަތީ އަދަދެއް ހަރަދު ކުރެވިގެންދާ ދިއުން، އެއީ އަޅުގަނޑުމެން މި މަޖިލިހުން ފާސްކުރާ ބަޖެޓާއިވެސް ޙިލާފަށް ކަންތައްތަކެެއް ކުަރަމުންދާ ކަމުގެ އެއް ހެކި..އެހެންވުމުން އެކަންތައްތައް ނުވާނެފަދަ ގޮތަކަށް އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މިދަނީ މި ބިލް ފޮނުއްވައިގެން ހަމައަކަށް އަޅުއްވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން..
ހިލްމީ ވިދާޅުވީ، ނިމިދިޔަ ހަފްތާގައި މަޖިލިހަށް ހުށައެޅުއްވި ބިލްތަކަކީ އަލަށް ތަޢާރަފްކުރެވޭ ބިލްތަކެއް ކަމަށާއި ވަރަށް ގިނަ ޒިންމާތަކެއް ހިމެނި، ޖާވާބުދާރީ ކުރެވޭނެ ގޮތަށް ހުށަހެޅިފައިވާ ބިލްތަކެއް ކަމަށެވެ. އަދި އެކަމުން ފެނިގެންދަނީ ސަރުކާރުގެ އަދާކުރަންޖެހޭ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރަމުންދާ މަންޒަރު ކަމަށް ހިލްމީ ވަނީ ވިދާޅުވެފައެވެ.

