މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއިން ފާސްކުރުމުން އެ މައްސަލަ އެކަމާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވީ މިއަދުގެ ޖަލްސާގައެވެ.
ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހުރިއްޔާއަށް މަޝްވަރާ ދިނުމާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވީ މާލިއްޔަތު ކޮމިޓީއިން މިގޮތަށް ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރީ، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހުށައެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.
ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ތައްޔާރުވެފައި ވީ ނަމަވެސް ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސާދު ނިކަމެތިވެގެން ދިޔައިރު އެ ބޭންކަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. ނާޒިމް ވިދާޅުވީ އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އެކަށީގެންވާ ގޮތެއްގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ. އޭގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހިފައިވާ ކަން ނާޒިމް ފާހަގަކުރެއްވިއެވެ.
މެންބަރު ފާހަގަކުރެއްވި އިތުރު ކަންކަމަށް ބަލާއިރު އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލައާ، ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑު ވަގުތެއްގައި އެކަން ވެސް ނުކުރާކަން ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެމްއޭއާ ގައުމުގެ އިގްތިސާދު ގުޅިފައިވާއިރު ގަވަރުނަރު ހާޝިމް ހަރުދަނާ މަސައްކަތް ކުރައްވަމުން ނުދާ ކަމަށެވެ. އަދި ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާ ކަމަށެވެ.
އެހެންކަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ތިނެއްގައިވާ ގޮތުގެ މަތިން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް މެންބަރު ހުށަހެޅުއްވިއެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވިއެވެ.

