ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎އޭފްސީގެ ކައިރީ 10 ދުވަހު ކުރި މުޒާހަރާއަށްފަހު ލިބުނު ގެއްލުމުގެ އެސެސްމެންޓްއެއް ހަދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭފްސީ) ގެ ކައިރީ މަސްވެރިން 10 ދުވަހު ކުރި މުޒާހަރާއަށްފަހު ލިބުނު ގެއްލުމުގެ އެސެސްމެންޓްއެއް ހެދުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން ނެރުނަ ބަޔާނެއްގައި ބުނީ ޖޫން މަހުގެ 21 ވީ ހުކުރު ދުވަހުގެ 15:19 ގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި 15 ވަރަކަށް މަސް ދޯންޏަށް ނިސްބަތްވާ މަސްވެރިންތަކެއް ފެށި މުޒާހަރާ ނިންމާލީ ޖުލައި މަހުގެ 1 ވަނަ ދުވަހު އެމީހުން ނިސްބަތްވާ ދޯނިފަހަރުގެ ވެރީންނަށް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ފައިސާ ޖަމާވާން ފެށުމުންކަމަށެވެ.

ޖުމްލަ 10 ދުވަހަށް ދެމިގެންދިޔަ މި މުޒާހަރާގެ ފުރަތަމަ ދުވަހު ކަން ހިނގައިދިޔަގޮތަށް ބަލާއިރު، އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ގަޟާ ހާޖާ ކުރުމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަކަމަށްވެސް ބުނިއެވެ. މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިން ކުންފުންޏަށް ޖެހުނީ ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާހާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސުމަށްކަމަށް ފާހަގަކޮށް މިފްކޯއިން ބުނީ، އޭއެފްސީގައި އިސްކޮށް މަސައްކަތް ކުރާ 7 ސީނިއާ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭފްސީން ކަރަންޓު ކަނޑާލަން ޖެހުނުކަމަށެވެ. އެވަގުތު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާނެކަން ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ ”ފުލް ޝަޓްޑައުން“ އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ހަދާފައިކަމަށް ބުނިއެވެ. އަދި މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބޭލުމަށްފަހު ތަން ހިސާރުކުރިކަމަށާއި، މީގެ އިތުރުން އޭއެފްސީގެ ފަހަތުން ވަންނަ ދޮރުވެސް އެމީހުން ބަންދުކުރިކަމަށަ ބުނިއެވެ.

މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވެ، އެއްވެސް ކަމަކަށް ދޫ ނުދީ، ސީނިއާ މުވައްޒަފުންނާ ކުރިމަތިކުރުވި ހާލަތުގެ ސަބަބުން އެމީހުނަށް ޖެހުނީ ފުލުހުންގެ ހިމާޔަތް ހޯދުމަށެވެ. މީގެ އިތުރުން ހަމަނުޖެހުން ބޮޑުވެ، އޭފްސީގެ މުވައްޒަފަކަށްވެސް ވަނީ އަނިޔާވެފައިކަމަށް ބުނިއެވެ.

އޭއެފްސީ އަށާއި މުވައްޒަފުންނަށް ކޮންމެ ގެއްލުމެއް ވިޔަސް ވަރިހަމަ ކަމުގެ ބިރުވެރި ހާލަތަކަށް މުޒާހަރާގެ ބައިވެރިން މުޅި ސަރަހައްދު ބަދަލު ކޮށްލި ވަގުތު، އެތަނުގެ މުވައްޒަފުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާއި، ހިކުމަތްތެރިކަންކަމަށް ކުންފުނިން ބުނިއެވެ. ހާއްސަކޮށް އަމިއްލަ އިސްނެގުމުގެ މައްޗަށް މުޅި އޭފްސީގެ މުވައްޒަފުންގެ ހައްގުގައި އެތަނުގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަންކަން ތަރުތީބުކޮށް، އެހެނިހެން މުވައްޒަފުންގެ ކަންކަން ގާތުން ބަލައި، އެ ނުރައްކާތެރި ހާލަތުގައިވެސް ފެސިލިޓީގެ ބޭރުން ފުލުހުންނާއި ގުޅިގެން ހާލަތު ހަންމަތަކުރުމަށާއި، މަސްވެރިންނާއި އެކި ފަހަރު މަތިން ”ކެރިގެން“ މުއާމަލާތް ކޮށްފައިކަމަށްވެސް ބުނިއެވެ. އެއީ އެ ކުންފުނިން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމެއްކަމަށް ބުންޏެވެ.

ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ މުޅި ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭފްސީގެ މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ މިފްކޯއިން ސިފަކުރި ގޮތުގައި އާދަޔާ ހިލާފް ހިތްވަރެކެވެ. ހާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށް ބުނިއެވެ.

އެހެން ކަމުން  އޭފްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުޅި ސިނާއަތުގެ ހައްގުގައި 10 ދުވަސް ވާންދެން އެ މުވައްޒަފުން ކުރި ބުރަ މަސައްކަތް އެ ކުންފުނިން ފާހަގަކުރިއެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން މިފްކޯއިން އަބަދުވެސް ފާހަގަކުރާނެކަމަށް ބުނިއެވެ.

މިފްކޯއިން ބުނީ އޭފްސީގެ އޮޕަރޭޝަން މިއަދުން ފެށިގެން ކުރިއަށް ދާއިރު، ވޭތުވެދިޔަ 10 ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސްސްމެންޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންދާކަމަށެވެ. އަދި އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް ހާމަކުރާނެކަމަށް ބުނިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: