މާލީ ހާލަތު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަރުހަބާ ދަންނަވާކަމަށާއި ނަމަވެސް، ހައްގުތައް އުނިކުރުމަކީ ކަންބޮޑުވުމެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ބަހުސްކުރީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށެވެ. މި ބިލުގެ ބަހުސްގެ މަރުހަލާގައި މީކާއިލް ވަނީ އޭނާ މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާގެ ކުއްލި މައްސަލައިގައި އެދިފައިވަނީ ދައުލަތުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުން ލާޒިމް ކުރުމަށެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވާތީ މީކާއީލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ ޕޭރޯލާއި ގުޅުން އޮންނަކަމަށް މީކާއީލް ފާހަގަކުރެއްވީ ހުށައަޅާފައި އޮތް ބިލަށް އޭނާ ބަހުސް ނުކުރައްވާކަމަށް ވިދާޅުވެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ނެންގެވި ނިޒާމީ ނުކުތާއަކާއި ގުޅިގެންނެވެ. މުސާރަ ދޭ މީހާއަށް ދެނީ ކިހާ މިންވަރެއްގެ މުސާރަތޯ ޔަގީންވާ ޖެހޭކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ ސިޔާސީ މީހުންގެ މުސާރަ ދީ އުޅެނީ ޓެކްސްޕޭ ނުވަތަ ފައިސާއިންކަމަށެވެ.
އެއީ ދިވެހި ރައްޔިތުން، ދިވެހި ރައްޔިތުންގެ ހާދިމުންނަށް ދޭ މުސާރައެއް. އެހެން ނަމަވެސް މިއަދުގެ ހާލަތަކީ އިއްޒަތްތެރި ރައީސް، ޕީއެންސީގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތަކީ ދިވެހި ރައްޔިތުން މުސާރަ ދޭ މީހުންގެ އަދަދުވެސް ދިވެހި ރައްޔިތުންނަށް އެނގުން މަނާ.
މީކާއީލް ވިދާޅުވިއެވެ.
ޕީއެންސީގެ މި ވެރިކަމަށް ފާޑު ވިދާޅުވެ، ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ މީހުންގެ އަދަދު ރައްޔިތުންނަށް އެނގުންވެސް ޕީއެންސީގެ މި ވެރިކަމުގައި މަނާކަމަށް މީކާއީލް ވިދާޅުވިއެވެ. މި ސަރުކާރު އޮތީ މި މައުލޫމާތު ހިއްސާ ނުކުރުމަށް އާރުޓީއައިގެ ގާނޫނަށް އިސްލާހު ގެންނަ ހިސާބުގައިކަމަށެވެ.
އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން ވެއްޖެއްޔާ، އިއްޔެވެސް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކުރެވިގެން ހިނގައްޖެ، އެހެން ނަމަވެސް، މާލީ ހާލަތާއި އަޅުވާ، މާލީ ހާލަތާއި މަތިކޮށް، މާލީ ހާލަތު އެއީ ބަހަނާއެއްގެ ގޮތުގައި ދައްކާ އިއްޒަތްތެރި ރައީސް، އެންމެ ފުރަތަމަވެސް މިހާރުގެ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތަކީ، ބޭރުގައި ކިޔަވަން ތިބި ކިޔަވާ ކުދިންގެ ސްޓައިޕެންޑަށް ލިބޭ ޑޮލަރުކޮޅުގައި އޮތް އެޅީ އިއްޒަތްތެރި ރައީސް.
މީކާއީލް ވިދާޅުވިއެވެ.
މާލީ ހާލަތާއި މަތިކޮށް މި ސަރުކާރުން ވަނީ ބައެެއް ފަރާތްތަކުގެ ހައްގުތައް ހިފަހައްޓާފައިކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ އޭގެ ތެރޭގައި ބޭރުގައި ތިބި ކިޔަވާ ކުދިންނާއި، މަސްވެރިން ހިމެނޭކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ، ޓެކްސް ބޮޑު ކުރަން ނިންމާފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ.
މާލީ ހާލަތު މެނޭޖު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަރުހަބާ ދަންނަވާކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، ނަމަވެސް އެއަށްފަހު ސަރުކާރުން ސިޔާސީ ބޭނުމަށް ކަންކަން ކުރުން ބަލައި ނުގަނެވޭނެކަމަށެވެ.
ދައުލަތުގެ ދަރަންޏާ ބެހޭ ބިލު އޮތީ ވަރަށް ފުރިހަމައަށްކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، މީގެ ބޮޑު ބައި ފަރުމާ ކުރީ އެމްޑީޕީއިންކަމަށެވެ. މި ބިލުގެ މަގުސަދު ހާސިލްކުރުން މުހިންމުކަމަށް މީކާއީލް ވިދާޅުވިއެވެ.

