ކާމިޔާބީއަށް ވާސިލުވެވޭނީ، ވަރުގަދަ އަޒުމެއްގައި އަމިއްލަ ނަފުސަށް އިތުބާރުކޮށް ކުރާ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ ހާއްސަ އެސެމްބްލީގައި ރައީސް ވަނީ މަތީ ސާނަވީ މަރްޙަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުޞަތެއް ލިބޭ ކަމެއް ނޫންކަމުގައި ފާހަގަކުރައްވައި، މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި މަތީ ސާނަވީ ތައުލީމު މުސްތަގުބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ޤައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް އެދޭކަމަށެވެ.
ރައޯސް ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފައެވެ.
އެހެންވީމާ، ކޮންމެ ކަމެއްގައި ވިއަސް ކާމިޔާބު ހާސިލު ވާނީ އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން، ފުރަތަމަ ކަމަކަށް. ތިމަންނަގެ ކިބައިގައި އެބަހުއްޓޭ، އެ ކަމެއް ހާސިލު ކުރުމުގެ ފެންވަރު، އެ ގެރެންޓީ، އެ ކޮންފިޑެންސް، އަމިއްލަ ނަފުސަށް އޮންނަންޖެހޭނެ. އެއީ، ކުޑަކުޑަ ކަމެއް ވިޔަސް. ހަޔާތުގައި އަންނާނެ ވަރަށް ގިނަ ކަންތައްތައް. ވަރަށް ގިނަ ކަންތައްތައް އަންނާނެ. އެހެންނަމަވެސް، އެއިން ކޮންމެ ކަމެއް ވެސް ހާސިލު ވާނީ ފުރަތަމަ ކަމަކަށް، އަމިއްލަ ނަފުސަށް އިތުބާރު ކުރެވިގެން.
ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި އޭލެވެލްއަށް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ގިނަ ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ. އަދި ތައުލީމު އުނގަންނައިދިނުމަށް ރަނގަޅު ޓީޗަރުން ބިނާ ކުރައްވާނެކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދަރިވަރުން ކިޔަވައި ނިމި، ސްކޮލާޝިޕް ނުވަތަ ޔުނިވާސިޓީ ފުރިހަމަކޮށް ނިމޭއިރު ވަޒީފާގެ ޔަގީންކަން އޮންނަން ޖެހޭކަމަށެވެ. އާމްދަނީގެ ފުރުސަތުތަކަށް ހުޅުވާލުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

