ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނު ލިސްޓާއި ގުޅޭގޮތުން 200 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ލޯނަށް ހުޅުވާލީ 500 ފުރުސަތަށެވެ. 1،709 ފަރާތަކުން ކުރިމަތިލިއެވެ. ލޯނަށް ޝަރުތު ހަމަވީ 1،153 ދަރިވަރުންނެވެ. ލޯނަށް 1،015 ދަރިވަރަަކު ހޮވިފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ލޯނަށް ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ނިންމާފައެވެ.
ލޯނަށް ހޮވިފައިވާ ކަމުގެ ”ސްޕޮންސަރ ލެޓަރ“ މިދިޔަ ޖޫން މަހުގެ މެދު ތެރޭގައި ދަރިވަރުންނަށް ފޮނުވާފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ 25 ޖޫން އަށެވެ.
މިނިސްޓްރީގެ ލޯން ސެކްޝަންގެ ޑިރެކްޓަރ މަރިޔަމް މުހައްމަދު ވިދާޅުވީ ގޮތުގައި މި ފުރުސަތުގައި 200 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވެއެވެ. މި ޝަކުވާތައް ބަލަނީ މިނިސްޓްރީގެ ޝަކުވާ ކޮމިޓީއިންނެވެ.
ކޮންމެ އެޕްލިކޭޝަނެއްވެސް ޗެކްކޮށްފައި ވަނީ އިއުލާނާއި އުސޫލާއި އެއްގޮތަށް ކަަމަށާއި، ކޮންމެ ދަރިވަރެއްގެ ޝަކުވާވެސް ކޮމެޓީން ބަލާ ޗެކް ކުރާނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިވެލުއޭޝަން ހެދުމުގައި މިނިސްޓްރީގެ އިހުމާލެއް އޮތްކަމުގައިވާނަމަ ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ކުއްޖެއްގެ އެޕްލިކޭޝަން ފޯމް އިސްލާހުކޮށް ފުރުސަތު ދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

