ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން، ނަސޭހަތް ދިނުމުގެ ޕްރޮސެސްގެ ތެރެއިން 100 އެއްހާ މީހުންނާއި އެކު މި އަހަރުގެ ތެރޭގައި އެއްބަސްވުން އެކުލަވާލެވުނުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ނަސޭހަތުގެ އެއްބަސްވުމަކީ، ތަހުގީގު މަރުހަލާފައި ކުށަށް އުތިރާފުވާ މީހުންގެ ތެރެއިން އަލަށް ކުށްކުރާ މީހުންނާއި ނިސްބަތުން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، އަދި އެމީހުންނަށް އިތުރު ފުރުސަތުދީ، މުޖުތަމައަށް ރުޖޫއަވެ، ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ނަސޭހަތް ދީ ކުށުގައި ތުހުމަތުކުރެވޭ މީހާ އާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.
ނަސޭހަތް ދިނުމުގެ އެއްބަސްވުމާ ގުޅޭގޮތުން ޝަމީމް ވާހަކަ ދެއްކެވީ، ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގަތުމުން ކުރެންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާމިން ޙަބީބު ކުރެއްވި ސުވާލަކަށް ވާހަކަ ދައްވަމުންނެވެ. ޕީޖީ ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، އިއުތިރާފުގެ އެއްބަސްވުން އެކުލަވާލުމާއި ނަސޭހަތުގެ އެއްބަސްވުން އެކުލަވާލުމުގެ ފުރުސަތު ލިބިދީފައިވާކަމަށެވެ. އަދި ނަސޭހަތުގެ އެއްބަސްވުމުގެ މުއްދަތުގައި އެ މީހެއްގެ ފަރާތުން އިތުރު ކުށެއް ތަކުރާރު ނުވާނަމަ ރެކޯޑުގައި އެކަން ހިމެނިފައި ނޯންނާނެކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުށެއްގެ މައްސަލައިގައި ނަސޭހަތުގެ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތް ނަމަވެސް، އެ އުސޫލުގެ ތެރެއަށް ނުފެތޭ ކުށެއްގައި ފޯމު ހުށައެއްނޭޅޭނެކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ނިޒާމު އޮތް ގޮތުން، މައުލޫމާތުތައް އޮޅުވާލައިގެން ވެސް ފޯމެއް ހުށަހެޅިޔަސް އޮންލައިންކޮށް އެ ފޯމެއް އޮޓޯއިން ރިޖެކްޓުވާނެކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުދިކުދި ކުށްތަކަށް މިއޮތީ ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން.. އެހެންވީމަ ކޯޓަށް ނުގޮސް އެބައިބައި ނިމިގެން ދާނެ… ތަކުރާރުކޮށްފިއްޔާ މައްސަލައިގެ ދައުވާ ކުރާނެ.. އެއްބަސްވުމުގައި އޮންނަ ގޮތަކީ، އަލުން ކުށެއްކޮށްފިއްޔާ ކުރިން ކުރި މައްސަލައާއި، ފަހުން އައި މައްސަލައިގެ ވެސް.. ދެ މައްސަލައިގެ ވެސް ދައުވާ ކުރުން… އެ ނިޒާމު އެބަ ހިނގާ.. މަސައްކަތް ވެސް އެބަކުރޭ.. މި އަހަރުގެ ތެރޭގައި އަޅުގަނޑު ހަނދާން ވާ ގޮތުން 100 އަށް ވުރެ ގިނަ މައްސަލަަތައް ނިންމިއްޖެ ނަސޭހަތް ދިނުމުގެ ޕްރޮސެސްގެ ތެރެއިން
ބައެއް ކުށްތަކުގައި އެ ފުރުސަތު އޮތް ނަމަވެސް، އާންމުންނަށް އެ މައުލޫމާތުތައް ދީ ހޭލުންތެރި ކުރުވުމަށް މާބޮޑު މަސައްކަތެއް ނުކުރެވޭކަމަށް ޝަމީމް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގައި ވާގިތުން ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމޭނީ ކުށަށް އިއުތިރާފުވެފައިވުމާއި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ގަބޫލުވުން އަދި ކުރިކަމަށް އިއުތިރާފުވާ ކުށަކީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގެ ޖަލު ހުކުމެއް ހިމެނޭ ކުށަކަށްވުމެވެ.
ޕީޖީ ގޮތް ނިންމުމުގައި ބަލަން ވާނީ، އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތެވެ. އަދި ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގައި ބާރު އަޅާފައި ވަނީ އެކަމަކީ ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއްކަމަށް ނުވުމާއި މިއީ އޭނާ ކުރި ފުރަތަމަ ކުށަށްވުން އަދި ޖިނާއި އެހެން ތުހުމަތެއް ކުރިން ކުރެވިފައި ނެތް މީހަކަށް ވުމެވެ.
މީގެއިތުރުން ކުށް ކުރުމުގައި އެއްވެސް ތޫނު އެއްޗެއް ބޭނުންކޮށްފައި ނެތުން ވެސް އޭހެ ތެރޭގައި ހިމެނެ އެވެ.
ނަސޭހަތުގެ އެއްބަސްވުން އެކުލަވާލާއިރު، އެއީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ މަސައްކަތާއި މެދު ހިންގި އަމަލަކަށް ވެގެން ނުވާނެ އެވެ.
އެންމެ ފަހުން ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލައިގެން މީޑިއާތަކުގެ ސަމާލުކަމަށް އައީ، ރ. ދުވާފަރު ކައުންސިލް މެމްބަރުންނަށް ދައުވާ ނުކޮށް އެއްބަސްވުން ހެދުމަށް ނިންމުމުނެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ދުވާފަރު ކައުންސިލްގެ މެމްބަރުން ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާ ނުކުރެ އެވެ. އަދި ނަސޭހަތުގެ އެއްބަސްވުން ހަދައި މައްސަލަ ހައްލު ކުރުމަށް ނިންމީ އެވެ.
އެ މައްސަލައިގައި ފާޑުކިއުން އަމާޒުވުމުން، ޝަމީމްގެ އަމިއްލަ ބްލޮގުގައި އެކަމާއި ގުޅޭ ލިއުމެއް ވެސް އާންމު ކުރި އެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އަންހެނުން ކޮމިޓީގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލު ކުރިކަން 2022 ވަނަ އަހަރުގެ ތެރޭގައި އޮޑިޓުން ހާމަވުމުންނެވެ.

