ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްޓަކައި ފިޔަވަޅު އަޅައި، ވިސްނެވި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށާއި ކުރީ ސަރުކާރަށް ބޭނުންވާ ލޯނަށް އެދި އާދޭސް ކުރުމުން ވެސް ހަމަޖެހޭނެ ގޮތެއް ހޯދައި ނުދިންކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދު ގޯސްވެފައިވާ ތީ، ސަރުކާރުން މިވަގުތު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަރަދު ކުޑަކުރުން ހިމެނެ އެވެ. މި މަސައްކަތްތައް ކުރިޔަށް ދާ ދުވަސްވަރާ، މަހުގެ އަގު ކަނޑައެޅުން ދިމާވުމުން، އެކަމަށް މާލިއްޔަތު ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ފާޑުވިދާޅުވުމުން، މައްސަލަ ހޫނުވީ އެވެ. ޣަފޫރަށް ރައްދު ދެއްވައި، ގާސިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް މަސްވެރިކަމަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށެވެ. އެހެންކަމުން އިގްތިސާދާއި ގުޅުވައި ރައީސް ފިޔަވަޅު އެޅުއްވުމުން، އެކަމަށް އުނދަގޫ ނުކުރުމަށް ގާސިމް ގޮވާލި އެވެ.
ގާސިމް ވިދާޅުވީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެކަމަށާއި، އެކަމުގައި އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީގައި ގާސިމް ވިދާޅުވީ، ނިމިދިޔަ އެއްވެސް ސަރުކާރަކުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށް ދާއިރާއަށް ކުރިއެރުމެއް ގެނެސްދޭން މަސައްތެއްކޮށްފައި ނެތްކަމަށެވެ. އަދި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަމެއް ގެނައުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.
”އެއްވެސް ސަރުކާރަކުން ނެތޭ މިހާތަނަށް މަސްވެރިކަން ކުރިއެރުވުމަށް، އެކަން އެސްޓަބްލިޝް ކުރުމަށް، އެކަން މާކެޓުކޮށް ކޮމްޕެޓިޓިވް ކުރުމަށް މަސްވެރިންގެ އަތުން ރަނގަޅަށް މަސް ރަނގަޅު އަގުގައި ގަނެވޭނެ ގޮތް ހެދުމަށްޓަކައި ހަމަ އަގު ލިބޭނެ ގޮތް ހަމަޖައްސާފަ.. އަންނިއަށް އެނގިވަޑައިގަތީ… މިތަނުގަ މުހައްމަދު ނަޝީދަށް އެނގިވަޑައިގަތީ ހަމަ އަގު ކިޔަން.. އެކަން ކުރަންވީ ގޮތެއް އޭނާއަކަށް ނޭނގުނު.. ދެން ވެސް ހަމަ އެހެންނޭ، މި ދެންނެވީ ތިން ސަރުކާރުން ހަމައެހެންނޭ ހެދީ..“ ގާސިމް
ރައްދުގައި ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މަސްވެރިކަމަށް ކުރި އިންވެސްޓަށް ވުރެ ބޮޑު ހޭދައެއް އެހެން އެއްވެސް ވެރިއަކަށް ނުކުރެވޭނެކަމަށާއި ހަގީގަތަކީ އެއީކަމަށެވެ. އެހެން ވިދާޅުވުމާއި އެކު ގާސިމް ވަނީ ނުރުހުންވެ، އެ އިންވެސްޓްމަންޓުވި ހިސާބަކީ ކޮބައިތޯ ސުވާލު އުފައްދާފަ އެވެ.
ރައްދުގައި ޣަފޫރު އަނެއްކާވެސް ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި މަސް ކިލޯއެއްގެ އަގު 15 ރުފިޔާއަށް ވުރެ ދަށްވެފައި ނުވާނެކަމަށެވެ.
”ބަލަ އަޖައިބެއްކަހަލަ ކަމެކޭ، ކިހާވަރެއްގެ ސަބްސިޑީއެއް ހޭ ދިނީ.. ދައުލަތުގެ ބަޖެޓުން ކިހާވަރެއް ދިން….“ ގާސިމް
އެވަގުތު ކޮމިޓީގައި އިންނެވި، އޭދަފުށި ދައިރާގެ މެމްބަރު ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު 14 އަހަރުގެ ތެރޭގައި މަސްވެރިކަން އުވާލާނެކަމަށް ވެސް ގޮވާލާފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ރާއްޖޭގެ މަސްވެރިކަން ތިޔާގި ކުރުމަށް މަސައްކަތް ކުރިކަމަށް ބުނެ ދެއްކޭނެ ވާހަކައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
”އޭ ޣަފޫރު… ފިޝަރީސް މިނިސްޓަރު ވިދާޅުވި 14 އަހަރުގެ ތެރޭގައި މަސްވެރިކަން އުވާލާނަމޭ، ސީދާ ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެހެން….“ ސަލީމް
ސަލީމްގެ ވާހަކައަށް ތާއީދު ކުރައްވައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ 14 އަހަރުގެ ބަދަލުގައި، ފަސް އަހަރުން އެމްޑީޕީން މަސްވެރިކަން ނައްތާލިކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ރަށްތަކުގައި މަސްވެރިން ދޯނިފަހަރު ބަނދަރުކޮށް، މަހަށް ނުގޮސް އެތައް ދުވަހެއް ހޭދަ ކުރަން ޖެހުނުކަމަށް ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ، ފައިދާއެއް ނުލިބި ގެއްލުން ވާތީ މިއަދު މަސް ޕްރޮސެސް ކުރުމަށް އަމިއްލަ ކުންފުނިތަކަށް ބޭންކުތަކުން ލޯނު ދޭން ބޭނުން ނުވާކަމަށެވެ.
”އަހަރެމެން ލޭ އޮހޮރުވައިގެން، ފުރާނަ އަތްމައްޗަށް ލައިގެން.. އެގޮތަށް ހުރިހާ އިންވެސްޓްމަންޓެއް ކުރީމަ އެންމެފަހުން ޓަކައިގަތީ.. އަހަރުމެންނަށް ކޮންފަދަ ބޮޑު ގެއްލުމެއް ދިނީ.. މަކަރު ހެދީ.. މައުމޫންގެ ވެރިކަން ފިޔަވައި، އޭގެ ފަހުން އައި ސަރުކާރުތަކުން ހަމަ އެގޮތަށް ކަންކަން ކުރީ….“ ގާސިމް
ގާސިމް ވިދާޅުވީ ހޯދެއްދޫ ނުނިމޭތީ، މިދިޔަ ސަރުކާރުގައި އެ ވާހަކަތައް ދައްކާތީ ދަތިތަކެއް ހުރުމުން 100 މިލިއަން ރުފިޔާ ދިނުމަށް އެދުނު ކަމަށެވެ. އާދޭސްކޮށް ލޯނަކަށް އެދުމުން، އެކަން ފުރިހަމަކޮށް ނުދިންކަމަށާއި ފިނޭންސް މިނިސްޓްރީއާއި ބައްދަލުކޮށް ސިޓި ވެސް ފޮނުވާފައިވާނެކަމަށް ގާސިމް ވިދާޅުވި އެވެ.
”އަދޭސްކޮށްފައޭ މި ބުނީ، ސަތޭކަ މިލިއަން ރުފިޔާ ދޭށޭ.. އެތަން ނިންމައި ދޭނަމޭ ހަ މަސް.. ހަތަރު މަސް ދުވަހުގެ ތެރޭގައި.. އަހަރެމެންނަށް ނުދިނެއް ނު އެ މީހުން، އެއްވެސް ތާކުން، އެއްވެސް އެއްޗެއް…“ ގާސިމް
ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މަސް ގަންނަން މިފްކޯއިން ނިންމި ނިންމުމާއިއެކު، ކިރާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވެއެވެ. ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ވައުދުވެފައިވީ ނަމަވެސް، ސަރުކާރުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތަށް ބަލާ އެ ވައުދު ފުއްދެން އަދި ނެތް ކަމަށެވެ. އަދި މިފްކޯގެ މާލީ ހާލަތު ވަރަށް ދަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ މުއައްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ކޭޝް ފްލޯއެއް ނެތްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މަހުގެ އަގަށް ބަދަލު ގެނައީ ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާތީ، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށްކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 20 ރުފިޔާއަށް މިފްކޯއިން މަސްގަންނަ ކަމަށްވާނަމަ، ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. މިކަމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

