“މިނިވަން ކަމުގެ އަގުވަޒަން ކުރެވޭނީ އަޅުވެތި ކަމުގެ ހިތިރަހަ ތަޖުރިބާ ކުރި މީހަކަށެވެ”. މިއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ދިވެހިރާއްޖެ މިވަނީ އަޅުވެތި ކަމުގެ ހިތިރަހަ ދެކެފައެވެ. ހަމައެއާއެކު މިނިވަންކަމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އަޅުގަނޑުމެންނަށް އިޙުސާސް ކުރެވެމުން ދެއެވެ. އަޅުވެތި ކަމުގެ ހުރިހާ ކަމެއް ހަނދާން ނައްތާލައި އުފާފާޅުކުރަމުން ދާއިރު ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ ކޮންކަންތައްތަކެއްތޯ މިއީ މިއަދުގެ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކުރާނެ ސުވާލެވެ.
ހާއްސަކޮށް ދިވެހިރާއްޖެ ކަހަލަ ބޭރުގެ އެހީތެރިކަމަށް ބަރޯސާވެފައިވާވާ ގައުމަކުން މި ސުވާލުކޮށް ޖަވާބު ހޯދައި ހިގީގީ މަންޒިލަށް ވާސިލްވާން މަސައްކަތް ކުރަން ޖެހޭނެއެވެ. އަޅުގަނޑުގެ ހިޔާލުގައި ބަވަނަ ވެފައިވާ މިޒަމާނުގައި މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ އިޤްތިޞާދީ ފުދުންތެރިކަމެވެ.
މިއަދު ދިވެހި ދައުލަތް ދަރަނިވެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު އިގްތިޞާދީ ގޮތުން ފުދުންތެރި ވުމަށްޓަކައި އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަންއެބަ ޖެހެއެވެ. މިމަސައްކަތް ކުރެވެން އޮތީ ހަރުދަނާޖީލެއް އުފެދިގެން ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.
އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތެއް ދެވެން އެބަޖެހެއެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ތަފާތު މަސައްކަތްތަކަށާއި، ތަފާތު ކަންތައްތަކަށް ލޯހުޅުވާލެވެން ޖެހެއެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ އެހުމުގެ ބަދަލުގައި ތިމާ ޤައުމަށްޓަކައި ކޮށްދޭނީ ކޮންކަމެއްތޯ ސުވާލުކޮށްލާނެ ދަރިންތަކެއް އުފެދިގެން ނޫނީ މަންޒިލާއި ހަމައަށް ވާސިލުވެވޭކަން ނެތެވެ. މަސައްކަތްތެރި ހުނަރުވެރި، ސިކުނޑި ހުޅުވިފައި އޮތް ޖީލެއް ބިނާވެއްޖެ ނަމަ އިޤްތިޞާދީ ގޮތުން ޤައުމު ދެފައި ޖަހާ ދުވެގަންނާނެ ކަމީ ވަސްވާހެއް އޮތް ކަމެއްނޫނެވެ.
އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައިމިވަނީ ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމީ އެންމެންވެސް ގަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. ތަނަވަސްކަން ލިބެމުންދިޔަ ވަރަކަށް ދިރިއުޅުމުގެ ފެންވަރަށް ބަދަލުއައިނަމަވެސް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަމުންދިއުމަކީ މުހިއްމުކަމެކެވެ.
ކުރާ މަސައްކަތްތައް ހަރުދަނާކޮށް ފުޅާ ދާއިރާއެއްގައި އެކަމެއް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން އަދި ޤައުމީ ފުދުންތެރިކަން އިތުރުވެގެން ދާނެ ކަމެކެވެ. ހަމައެކަނި އާއިލީ ފެންވަރުގައެއްނޫނެވެ.
ޤައުމީ ފެންވަރުގައިވެސް މިމަސައްކަތް ކުރިއަރުވަން އެބަޖެހެއެވެ. މަސައްކަތްތައް ކުރިއެރުވޭނެ އިތުރުގޮތްތައް ހޯދާ ބަލަން އެބަޖެހެއެވެ. އެހެން ބަޔަކަށް ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ބަރޯސާވާން ދަސްކުރަން އެބަޖެހެއެވެ. ޤައުމަށް ލިބޭ އާމްދަނީ ޤައުމުން ބޭރުނުކޮށް ޤައުމުގައި ބެހެއްޓޭނެ ގޮތް ހަމަޖައްސަން އެބަޖެހެއެވެ.
ދިވެހިންގެ އާދަކާދަޔަށް ބަލާއިރު ދިވެހިންނަކީ މަސައްކަތްތެރި ކަމަށް ލޯބިކުރާ ބަޔެކެވެ. އަޅުގަނޑުމެންގެ ކާބަފައިން އައީ އަދި އަންނަނީވެސް މަސައްކަތްތައް ކުރަމުންނެވެ. ހިތާމަޔަކީ މިގެކުރިން ދިވެހިން ކުރަމުން އައި އެތައް މަސައްކަތްތަކެއް މަޑުމަޑުން ނެތެމުންދާ ކަމެވެ. ކުރާ މަސައްކަތްތައް ބަލައިގަންނާނެ މީހަކު ނުވަނީއެވެ. މަސައްކަތްތަކަށް ކުރިއެރުން ހޯދާނެ ގޮތްތަކެއް ނޭގޭތީއެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ތިމާމެންގެ އަސްލު އޮޅުނީއެވެ.
ބޭރު ޤައުމުތަކުގެ އިގްތިޞާދު ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު އަޅުގަނޑުމެން މިތިބެނީ ނެގިމަޑުވެފައެވެ. ކޮޕީ މިކުރެވެނީ އެމީހުން ކުރަމުންދާ ކަންތައްތަކެވެ. އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށްޓަކައި އަޅުގަނޑުމެންވީ އެމީހުން ޖައްސާ ވައްތަރު ޖައްސާކަށް ނޫނެވެ. މުހިއްމީ އެމީހުންގެ ވިސްނުމާއި ފިކުރު ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ކުރިއެރުވުމެވެ. ކުރާ މަސައްކަތްތައް ފުޅާ ކުރަންވީއެވެ.
ބަވަނަ ވަމުންދާ ދުނިޔެއްގައި ހިނގަމުންދާ ކަންތައްތަކަށް ލޯ ހުޅުވެންވީއެވެ. އަތުގައި އޮތް ފައިސާ ފޮތި ބޭރަށް ނުލާ ޤައުމު ތެރޭގައި ދައުރުކުރަންވީއެވެ.
އިގްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވާ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރު އަމިއްލަ އުފެއްދުންތެރިކަން އަޅުގަނޑުމެންގެ ކިބައިގައި ނެތުމަކީ ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭނެ ކަމެކެވެ. ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަރޯސާވާން މިޖެހެނީ ބޭރު މީހުންނަށެވެ. މަސައްކަތެއް ކުރަން ވިޔަސް ބޭރުމީހުންނެވެ. ކަމަކަށް ޚަރަދު ކުރަންވިޔަސް ބޭރުމީހުންނެވެ. ކަމެއް ކުރަން ޖެހުނަސް ހަމަ ބޭރު މީހުންނެވެ. ގައިމް މީ ފުކުެއް ބޮޑުވަރެވެ.
ދިވެހިންގެ ތެރޭގައި ލަޔާޤަތާއި ޤާބިލްކަން ހުރި ބަޔަކު ނެތީތޯއެވެ؟ ހަގީގަތަކީ އެފަދަ ކަންތައްކުރަން ދިވެހީންނަށް ފުރުސަތު ނުލިބެނީއެވެ. ސަބަބަކީ ހުރިހާ އެއްޗެއްހެން އެތެރެކުރަން މިޖެހެނީ ރާއްޖެއިން ބޭރުންކަމަށްވާތީ އެމީހުންގެ ހިތްރުއްސަން ޖެހެނީއެވެ.
މާޒީއަށް ބަލާލާއިރުވެސް މީގެ ހިތިނަތީޖާ އޮތީ ފެނިފައެވެ. އާދެ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކަމަށްބުނެ ވޯރާ ވިޔަފާރި ވެރިން ރާއްޖެ ގެނައީއެވެ. އިޤްތިޞާދު ބިނާކުރުމަށްވުރެ އެމީހުން މަސައްކަތްކުރަމުން އައީ އިޤްތިޞާދު ހަލާކު ކުރުމަށެވެ.
ބޭރު މީހުންގެ ލޯތައް ރާއްޖެއާއިމެދު ދަހިވެތި ނަޒަރަކުން ބަލަބަލާ ތިބޭ އިރު އަމިއްލަ ދެއަތުން ގައުމުގެ އިޤްތިޞާދީ މުހިއްމު ބިނާތަކާއި މުހިއްމު ވަސީލަތްތަކާއި ބިންތައް ބޭރުގެ ފަރާތްތަކަށް މިޤައުމުން ދެމުންމިދަނީ އަމޭ ކިޔާފައެވެ. މިހެން މިކަންކަން ވަމުންދާނަމަ ބޭރުމީހުން ރާއްޖެއަށް އަތްގަދަ ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އެފުރުޞަތު އެމީހުނަށް އެބައޮތެވެ. މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނައި ފިޔަވަޅު ނާޅައިފިނަމަ އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހޭނެ ހަގީގަތެކެވެ. ހަގީގަތަކީ އަވަހަށް އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ނުތެދުވެއްޖެނަމަ ނޫންނަމަ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިމަތިލާން ޖެހޭނީ އަޅުވެތި ކަމާއެވެ.

