ސްޓެލްކޯއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ގެނެސް، ކުރިއެރުން ގެނެސް ދޭނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިހެން ވިދާޅުވީ ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް“ ގެ ނަމުގައި ކުރިޔަށް ގެންދިޔަ މަހާސިންތާ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޖުމްލަ 5 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވި އެވެ.
މި މަހާސިންތާގައި ވަނީ ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ ”ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް“ އިފްތިތާހުށްފަ އެވެ. 351 ސަފްހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.
މި ފޮތުގައި ވަނީ އެސްޓެލްކޯގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުންވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމަނާފަ އެވެ.
ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންގެ ފިކުރަކީވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއިއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ފާހަގަކުރެއްވި އެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ، ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުން ވެސް މި ހިންގުނު ޑެވެލޮޕްމަންޓް ޕްރޮގްރާމްއިން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެ މަގަށް މަސައްކަތް ކުރުމަށް ފަހުމީ އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި، އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދުވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.
ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލުއަންނަތަން ދުރުނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް
މި މަހާސިންތާގައި ވަނީ ލީޑަރޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންނާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފަ އެވެ.

