ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ”ޕެންޑްރައިވް“ ގެ ޝިކާރައަކަށްވި މީހުން އަދިވެސް ދުނިޔޭގައި އެބަތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕެންޑްރައިވްއެއްގެ ވާހަކަތަކެއް ސަރުކާރުގެ މެމްބަރުންގެ ފަރާތުން މިއަދު ދެކެވުނީ، ސިހިރުގެ ތުހުމަތު ކުރެވޭ ފާތިމަތު ޝަމްނާޒް އަލީ ހައްޔަރު ކުރީ އެހެން ބޭނުމައި ތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފެއްދުމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ ޝަމްނާޒްގެ އަތުގައި ރައްކާކޮށްފައި ހުރި އެހެން މައުލޫމާތުތަކެއް ހޯދަންކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެ ވާހަކަތަކަށް މިއަދު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ރައްދު ދެއްވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ޕެންޑްރައިވްތަކުގެ ވާހަކަ ދެއްކެވުމުން އެކަން މިއަދު ރައްޔިތުން ގަބޫލު ނުކުރާނެކަމަށެވެ.
މާ ބޮޑު ތަފްސީލެއް ނުލިއްޔުއްވައި އަބްދުއްރަހީމް ”އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ”ޕެންޑްރައިވް“ ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލައިގައި ސުވާލު ކުރި މީހާއާއި، ޖަވާބު ދޭން ހުރި މީހަކަށް އޭގެ ތަފްސީލު މާ ރަނގަޅަށް އެނގޭނެ ކަމަށެވެ.
2015 ވަނަ އަހަރަކީ ރައީސް ޔާމީންގެ ސަރުކާރަށް ހިލުން ގެނުވި އަހަރެކެވެ. މި ހުރިހާ މައްސަލައެއް ފެށިގެން އައި ހިސާބަކީ އެ އަހަރުގެ ފެބްރުއަރީ މަހު، އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމުން ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަނެއް ފެނުނު މައްސަލަ އެވެ. އަދި ދައުލަތުގެ އިސްވެރިންނަށް ހަމަލާ ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތުތަކެއް ހުރި ޕެންޑްރައިވެއް ހޯދައި ނާޒިމްގެ މައްޗަށް ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލި އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އެ ގެއިން ފެނުނުކަމަށް ބުނާ ތިން ވަޒަނާއި، ފިސްތޯލަ އަދި ޕެންޑްރައިވްގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
މީޑިއާތަކުގައި އޭރު ގެނެސްފައި ހުރި ބައެއް ރިޕޯޓުތަކާއި، ހަބަރުތަކުން ފެންނަ ގޮތުން ޕެންޑްރައިވްއާއި ގުޅުވައި އޭރު ވަރަށް ގިނަ އައު ވާހަކަތަކެއް ދެކެވުނެވެ. އެގޮތުން ފުލުހުންގެ ފަރާތުން އެ ޕެންޑްރައިވް އެނަލައިޒްކޮށް ރިޕޯޓު ތައްޔާރު ކުރި ފުލުސް އޮފިސަރު އަމީން އަބްދުލްގައްޔޫމް ހެކި ބަސް ދީ ބުނެފައި ވަނީ އެ ޕެންޑްރައިވްއާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ނާޒިމް ވަނީ ޕެންޑްރައިވްއާ އޭނާއާއި ގުޅުވަން މަސައްކަތްކޮށްފައި ވަނީ ފްރޭމްގެ ކުޅިގަނޑުގެ ތެރެއިންކަމަށް ކޯޓުގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނާޒިމްގެ ގެއިން ފެނުނު ކަޅު ދަބަހަށް ވެސް ގިނަ ސުވާލުތައް އުފެދެ އެވެ. އެ ދަބަހަކީ ނާޒިމްގެ ދަބަހެއް ނޫންކަމަށް މައްސަލަ ހިނގިއިރު އޭނާގެ ވަކީލުން ކޯޓުގައި ބުންޏެވެ. ސްވަޓް ފުލުހުން އެ ގެ ބަލައި ފާސް ކުރީ ނާޒިމްއާއި، އޭނާގެ އާއިލާ ގޭގެ ސިޓިން ރޫމްގައި ބޭތިއްބުމަށް ފަހު އެވެ.
އޭގެ ފަހުން މާލޭގައި ހިނގައިދިޔަ އެކި ކަންކަމުގެ ތެރެއިން، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާ އެމްއެމްޕީއާރުސީ ހިޔާނާތް ފަޅާ އެރުމާ، ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރު ފެނުން ހިމެނެ އެވެ.
ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ހުކުމެއް އިއްވުމަށް ފަހު އޭނާ މިނިވަންވީ 2018 ގަ އެވެ. މިނިވަންވެ އެނބުރި ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ނާޒިމް ވިދާޅުވީ ތިން އަހަރާއި ނުވަ މަސް ވަންދެން އަނިޔާ ތަހައްމަލުކުރަން ޖެހުނީ ނާއިންސާފުން ކަމަށެވެ. އޭނާގެ ކުށެއް ނެތި ޖަލަށް ލުމުގައި ރައީސް ޔާމީނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެއްވި އެވެ.
ނާޒިމް ޖަލަށް ލީ، ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.
މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކޮށް ވެސް، ޕެންޑްރައިވެއްގައި ތުހުމަތު ކުރާ މައްސަލައިގައި ބޭނުންވާ ހެކި ހުރިކަމަށް ތުހުމަތުތައް ކުރި އެވެ. އެ ޕެންޑްރައިވްގައި މަޖިލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދިންކަމުގެ ހެކި ފެނުނުކަމަށް ބުނެ، ދެން ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ހިމެނެ އެވެ.

